ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ނޮވެމްބަރު މަހުން ފެށިގެން ހުއްދަކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އޮސްޓްރޭލިއާގެ އޯޝަން ޖިއޮގްރަފިކް މެގަޒިންގެ އެޑިޓަރުން އޮންލައިން ޕެޓިޝަނެއް ފަށައިފިއެވެ. މި ޕެޓިޝަނަށް ކަނޑުތަކުގެ ހިމާޔަތުގައި ދުނިޔޭގައި މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ތާއީދުކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އޮގަސްޓް 26 ގައި ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުން ކުރީގައި ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުން އައި ނަމަވެސް ގަވާއިދުތަކަށް އައި ބަދަލުތަކުގެ ސަބަބުން މިހާރު އެކަން ހުއްޓިފައިވާ ކަމަށެވެ. ފިޝަރީޒާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށް، ނޮވެމްބަރު 1 ން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ބާރުއަޅައި އެދެމުންދިޔަ ކަމެއް ކަމަށާއި، ދޮށީގެ މަސްވެރިން ވެސް މިޔަރު ގިނަވުމުގެ ޝަކުވާ ކުރަމުން، ބޭނުމުގެ ހުއްދަ ހޯދުމަށް އެކި ފަހަރު މަތިން އެދިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް ތިމާވެށި ޖަމްޢިއްޔާތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން މިކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނައެވެ.
އޯޝަން ޖިއޮގްރަފިކްގެ ޕެޓިޝަނުގައި ބުނާ ގޮތުން، މިޔަރުގެ މަސްވެރިކަން މަނާކޮށްފައި ބެހެއްޓުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ރީތި ނަން ދަމަހައްޓައި، މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތު ކުރުމަށް ބާރު ލިބިދޭނެ ކަމެކެވެ.
އިނގިރޭސިވިލާތުގެ "ޝާކް ގާޑިއަން" ޖަމްޢިއްޔާއިން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމްޢިއްޔާއިން ބުނާ ގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މިޔަރުގެ މަސްވެރިކަން ރެގިއުލޭޓް ކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މިޔަރަކީ ރާއްޖޭގެ މުރަކަތަކާއި ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދިރުމެއް ކަމަށްވާތީ، މި ނިންމުން އަލުން ބަލައި ވިސްނުމަށް އެ ޖަމްޢިއްޔާއިން ގޮވާލައިފައިވެއެވެ.
މީގެ ކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލައި، "ބައިކެޗް" ގޮތުގައި ހިފޭ މިޔަރު ޕްރޮސެސް ކުރުމަށް ހުއްދަ ދޭން ނިންމުމުން ވެސް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ