ލ. މާވަށުގައި މިދިޔަ ޖުލައި މަހު ވަޅިން ހަމަލާދީ މޫސާ އިބްރާހީމް މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމްގެ މައްޗަށް ދައުލަތުން، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާއިފިއެވެ.
ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލްގެ މުހައްމަދު އިބްރާހީމް އަކީ މަސްތުވާތަކެތީގެ ރިކޯޑެއް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ވަނީ ޖުލައި 28 ވަނަ ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މުހައްމަދު އިބްރާހީމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. ފުރަތަމަ ދައުވާއަކީ އެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް މަރުގެ ހުކުމް އަންނާނެއެވެ.
ދެވަނަ ދައުވާއަކީ އެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ 6 މަހުން 12 މަހާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ހާދިސާ ހިނގީ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މާވަށުގައި މޫސާ އިބްރާހީމަށް ހަމަލާދިނުމަށްފަހު، މުހައްމަދު އިބްރާހީމް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. މޫސާގެ ކަރަށް ލިބުނު އަނިޔާގެ ސަބަބުން ފަރުވާދޭން މާވަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް ފަހު، މި އަންގާރަ ދުވަހު މައްސަލައިގެ ރިޕޯޓު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ އޮފީހުން ރިޕޯޓު ބަލައިގަތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މޫސާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިވެސް ފުލުހުން ވަނީ ހޯދާފައެވެ.
އެ ރަށުގެ މީހުން ބުނާ ގޮތުގައި، ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގީ މޫސާގެ އަތުން މަސްތުވާތަކެތި ގަތުމަށްފަހު ފައިސާ ނުދީގެން ކަމަށް ބުނެ މައްސަލަ ގޯސްވެފައި އޮތްތާ ދެ ދުވަސް ފަހުންނެވެ.


