ދިވެހި ރައްޔިތުންނަށް ވިސާ ނަގާކަށް ނުޖެހި އަޒަރުބައިޖާނަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ މުހިންމު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި އަޒަރުބައިޖާނުގެ ސަރުކާރުތަކުން ސޮއިކޮށްފިއެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުންތައް ނިއުޔޯކުގައި ކުރިއަށްދާއިރު، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވުމާ ގުޅިގެން މި ވިސާ އެގްޒެމްޝަން އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އާއި އަޒަރުބައިޖާނުގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އެވެ.
މި އެއްބަސްވުން އަމަލުކުރަން ފެށުމުން ދިވެހި ޕާސްޕޯޓް ބޭރުކުރާ ފަރާތްތަކަށް އަޒަރުބައިޖާނަށް އެތެރެވުމާއި، އެ ގައުމުން ޓްރާންޒިޓްވުމުގެ އިތުރުން 90 ދުވަސް ވަންދެން އެ ގައުމުގައި މަޑުކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ކުރެވުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ގުޅުން ވަރުގަދަވަމުންދާކަން ފާހަގަކުރެވެނީ، މިދިޔަ ނޮވެމްބަރު މަހު އަޒަރުބައިޖާން އެއާލައިންސްއިން އެ ގައުމުގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމުންނެވެ. ހަފުތާއަކު ދެ ފަހަރު ކުރާ މި ދަތުރުތަކުގައި ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓް ބޭނުންކޮށްގެން ގާތްގަނޑަކަށް 6 ގަޑިއިރުގެ ދަތުރެއް ކުރަންޖެހެއެވެ.
ފޮރިން މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން މިހާރު ދިވެހި ޕާސްޕޯޓުން 94 ގައުމަކަށް ވިސާ ނަގާކަށް ނުޖެހި ދަތުރުކުރެވޭއިރު، އަޒަރުބައިޖާން މި ލިސްޓަށް އިތުރުވުމުން ދިވެހި ޕާސްޕޯޓުގެ ބާރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހިން ފަސޭހައިން ދަތުރުކުރުމަށް މަގުފަހިވެ، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ޕާސްޕޯޓުގެ ގަދަރު މަތިވެގެންދާނެ ކަމެކެވެ.
ކޮމެންޓު ފޮނުވާ