އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަން ސިނގިރެޓް އަތުލައިގެންފި، 15 މިލިއަން ރުފިޔާގެ ޑިއުޓީ ގެއްލުން

އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަން ސިނގިރެޓް އަތުލައިގެންފި، 15 މިލިއަން ރުފިޔާގެ ޑިއުޓީ ގެއްލުން

Author
އަހުމަދު
24 ސެޕްޓެމްބަރ 2025 06:39
0

އައްޑޫ ސިޓީގެ ހިތަދޫ ޕޯޓުން މިއަދު ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މި ޝިޕްމަންޓުގައި ހިމެނެނީ 1,840,000 ސިނގިރެޓް ސްޓިކް ނުވަތަ 92,000 ކާޓަން ސިނގިރެޓެވެ.

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މި ޝިޕްމަންޓް އަތުލައިގަނެފައިވަނީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންނެވެ. ކަސްޓަމްސް އިން ލަފާކުރާ ގޮތުން މި ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ސަރުކާރަށް ގެއްލިގެންދާނީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާއެވެ.

މި މައްސަލަ މިވަގުތު ތަހުގީގުކުރަމުން ގެންދާ ކަމަށް ކަސްޓަމްސް އިން ބުނި ނަމަވެސް، މި ޝިޕްމަންޓަކީ ކޮން ފަރާތެއްގެ ނަމުގައި ގެނައި އެއްޗެއް ކަމެއް އަދި ކޮން ގައުމަކުން ފޮނުވި އެއްޗެއް ކަމެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއަށް ސިނގިރެޓް އެތެރެކުރުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ކަސްޓަމްސްގެ އަދަދުތަކުން ފެންނަން އެބަހުއްޓެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެތެރެކުރެވިފައިވަނީ އެންމެ 42,314,387 ސިނގިރެޓެވެ. 2022 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނީ 356.7 މިލިއަން ސިނގިރެޓް ކަމަށާއި، 2023 ގައި އެތެރެކުރެވުނީ 350 މިލިއަން ސިނގިރެޓް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ގާނޫނީ ގޮތުން އެތެރެކުރާ ސިނގިރެޓްގެ އަދަދު މިހާ ބޮޑަށް ދަށްވެފައިވަނީ، ވަގަށް ސިނގިރެޓް އެތެރެކުރުން އިތުރުވެފައިވާތީ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ. މިއަދު އައްޑޫން އަތުލައިގަތް ބޮޑު ޝިޕްމަންޓަކީ ވެސް މިފަދަ ގާނޫނާ ޚިލާފު އުޅުމެއްގެ މިސާލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތުއްތުބެއްޔާ
ތިވެސް ވާނީ ޢާއްމުކަމަކަށް، މިފަހަރު ޓައިމިންގ ދިމާނުވީމަ އަތުމުށުން ދެމުނީ، ކަސްޓަމް އޮފިސަރުންނާއި އެނޫންވެސް ޕޯޓުގެ މުވައްޒަފުންތަކެއް ގުޅިގެން އެބައިމީހުންނަށް މަންފާ ލިބެގޮތަށް ހިންގާ ޖަރީމާއެއްކަމަށް ބެލެވޭ، މަދުފަހަރެއްގައި ތިގޮތަށް އަތަށް ފުށްކޮޅު ދީފަ ދިޔަޔަސް ގިނަފަހަރު އޮންނަނީ ކާމިޔާބުވެފަ. ކޮށްކޮށް ކުރަލީމަ މާބޮޑު ސަމާލުކަމެއް ނުދެވި ރާއްޖެ ގާއިމުވީކަމަށް ހީކޮންތިއްބާ މަދުފަހަރެއްގައި ތިހެން ކަންތައް ދިމާވިޔަސް ގިނަފަހަރު ކާމިޔާބުވާތީ ދޮރާށިތަކުން ތިކަހަލަ ކަންތައް ހިނގަނީ، ކަނޑުމަގުން ބޭރުން މުދާ ބޯޓުފަހަރުން ގެނެސް ތެޔޮ ދޯނިތަކާއި އެނޫންވެސް އުޅަނދުތަކުގައި ދަންވަރު ތަކެތި ބާލާ ވާހަކައަކީ އަޑުއިވޭ ވާހަކަތަކެއް، ޙައްލަކަށްވާނީ އެއްވެސް ބަޔަކު ދާއިމަށް އެއްތަނެއްގައި މަސައްކަތްކުރެވޭގޮތަށް ނިޒާމުތައް ނުބޭއްވުން، ޑިއުޓީއަށް ދާންޖެހޭތަން ޑިއުޓީ ފެށުމުގެ 1 ދުވަސްކުރިން ނޫނީ ނޭގޭގޮތަށް ބައްޓަންކޮށްފިނަމަ، ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ހިނގައިދާނެކަމަށް ފެނޭ.