ބީއެމްއެލްއިން ޗައިނީސް ޔުއާން އެކައުންޓާއި ވީޗެޓް ޕޭ ޚިދުމަތް ތަޢާރަފްކޮށްފި

ބީއެމްއެލްއިން ޗައިނީސް ޔުއާން އެކައުންޓާއި ވީޗެޓް ޕޭ ޚިދުމަތް ތަޢާރަފްކޮށްފި

Author
ޙަސަން މުޙައްމަދު
22 ސެޕްޓެމްބަރ 2025 04:12
0

ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި ތާރީޚީ ބަދަލެއް ގެނެސްދީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓާއި ވީޗެޓް ޕޭ ޚިދުމަތްތައް ތަޢާރަފްކޮށްފިއެވެ.

މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޚިދުމަތްތައް ތަޢާރަފްކުރިއިރު، ޗައިނާގެ ސަފީރު ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ މުޙައްމަދު ޝަރީފް އަދި ބޯޑު މެންބަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދާ ދިވެހި ވިޔަފާރިވެރިންނާއި ފަރުދުން ގުޅުވާލުމަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރި މުޖުތަމަޢަށް ހަރުދަނާކަމާއެކު މުޢާމަލާތްތައް ކުރެވި، ފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ޚިދުމަތްތަކުގެ ދަށުން ވިޔަފާރިތަކަށާއި ފަރުދުންނަށް އިންޓަނެޓް ބޭންކިންއާއި މޮބައިލް އެޕް މެދުވެރިކޮށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭނެއެވެ. ހަމައެއާއެކު ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް ޓްރާންސްފާ ފޮނުވުމާއި ލިބުމުގެ ޚިދުމަތް ލިބޭނެއެވެ. އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް ޗައިނީސް ޔުއާންއިން ލެޓަރ އޮފް ކްރެޑިޓް ހެދުމުގެ ފަސޭހަކަންވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ޕޭމަންޓް ޕްލެޓްފޯމެއް ކަމުގައިވާ ވީޗެޓް ޕޭއަށް ބީއެމްއެލްގެ ވިސާ، މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑުތައް އެޑްކޮށްގެން ޗައިނާގެ މާޗެންޓުންނަށް ފައިސާ ދެއްކޭނެއެވެ. ޔޫއެސްޑީ ޑެބިޓް، ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް މި ޚިދުމަތުގައި ބޭނުންކުރެވޭނެއެވެ.

ފުރަތަމަ ފަހަރަށް ދިވެހި ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން ލިބޭ ގޮތްވެސް ހަމަޖެހިފައިވާއިރު، ވޮލެޓްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކުމާއި އެހެން ފަރާތްތަކަށް ޓްރާންސްފާ ކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

ބީއެމްއެލްއިން އިތުރު ބޮޑު ހަބަރެއް ގޮތުގައި އިޢުލާންކުރީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ދޫކުރަން ފެށުމެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމެއްގައި ބަލައިގަންނަ ގްލޯބަލް ޕޭމަންޓް ކާޑެއް ކަމުން، ދިވެހި ފަތުރުވެރިންނަށާއި ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ޚިދުމަތްތައް ތަޢާރަފްކުރުމަކީ ބީއެމްއެލްގެ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށާއި، ކަސްޓަމަރުންނަށް އީޖާދީ މާލީ ޙައްލުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށް ބޭންކުން ބުންޏެވެ. މި ޚިދުމަތްތަކާއެކު ރާއްޖޭގެ ވިޔަފާރި މުޢާމަލާތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ކުރިއެރުމާއި، ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު ހުރި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.