ފ. ނިލަންދޫގެ ރައްޔިތުންނަށް ދިގު ޒަމާނެއް ވަންދެން އިންތިޒާރުކުރި އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައި، ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު ވެސް ހުޅުވާއިފިއެވެ. މިދެ މަޝްރޫޢު ރަސްމީކޮށް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް، މަސައްކަތް ކުރިއަށް ގެންދާ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކުނި މެނޭޖްމެންޓް ސެންޓަރު ހުޅުއްވައިދެއްވީ ރައީސް މުއިއްޒު އަމިއްލަފުޅަށެވެ. މި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް، ކައުންސިލްގެ ރައީސް އަލީ އަޙުމަދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދެ މަޝްރޫޢަކީ ނިލަންދޫގެ ތަރައްޤީއަށް ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢުތަކެކެވެ. ނަރުދަމާ ނިޒާމު ޤާއިމުވުމުން ރައްޔިތުންގެ ޞިއްޙީ ޙާލަތު ރަނގަޅުވެ، ތިމާވެށި ޙިމާޔަތްކުރުމަށް މަގުފަހިވާނެއެވެ. އަދި ކުނި މެނޭޖްމެންޓް ސެންޓަރުން ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ގެނެސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީތެރިވާނެއެވެ.
ރައީސް މުއިއްޒު ނިލަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރަށް ބަދަލުކޮށްލުމަށް ރާވާފައިވާ އިތުރު ގިނަ މަޝްރޫޢުތަކެއް ވެސް ހިމެނެއެވެ. މިގޮތުން ތަރައްޤީގެ އެކި ދާއިރާތަކުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ