ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމެރިކާގެ ނިއުޔޯކަށް ވަނީ ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ ޚާއްޞަ އަހުމިއްޔަތެއް ލިބިގެންވާ ދަތުރުފުޅެކެވެ. އެއީ 2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައި ބައިވެރިވިތާ 60 އަހަރު ފުރޭ ތާރީޚީ އަހަރަކަށްވާތީ އެވެ.
ދިވެހިރާއްޖެއިން އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ހުށަހެޅީ 1965 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އެ ހުށަހެޅުން ބަލައިގަނެ، އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އެ ޖަމިއްޔާއަށް ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
އދ. ގެ އާންމު މަޖިލީހުގެ މި އަހަރުގެ ސެޝަންގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ އެކު ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރު ހަލީލް، ބައިނަލްއަގުވާމީ އެކިއެކި މުހިންމު މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސިޔާސަތާއި ގައުމުގެ އެދުންތައް ހުށަހަޅުއްވާނެ އެވެ. މީގެ އިތުރުން އދ. ގައި ރާއްޖެއިން ބައިވެރިވި 60 އަހަރުގެ ތެރޭގައި ހާސިލުކުރެވުނު ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރެއްވުމަށް ވެސް ފުރުޞަތު ލިބިވަޑައިގަންނަވާނެ އެވެ.
ކޮމެންޓު ފޮނުވާ