ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި ރާއްޖެ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އައު އުސްމިނަކަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތުގެ މަތިން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތްތައް ވަރުގަދަ ކުރަމުންދާކަމަށެވެ. މިހާރުވެސް ރާއްޖޭގައި 1،500 އަށްވުރެ ގިނަ ޒުވާނުން ޤުރްއާން ހިތުދަސްކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ މުހިންމު އިސްކަމަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންގެ އަދަދު އިތުރުކުރުން ކަމަށާއި، މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އަމިއްލަ ސެންޓަރުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ރާވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެތިން އަހަރަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި ރާއްޖެއަށް ކުރިއެރުން ލިބޭނެ މުހިންމު ދުވަސްތަކަކަށް ވާނެކަމަށްވެސް ވަޒީރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރްއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމުގެ މަސައްކަތަށް ސަރުކާރުގެ އިތުރުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި އެހެނިހެން ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަކީ މުޅި މުޖުތަމަޢުއަށް ފައިދާކުރާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި ޤުރުއާނުގެ ހިދާޔަތް ލިބިގަތުމަކީ ނުހަނު މުހިންމުކަމެއްކަމަށާއި، ދަރިންގެ ތަރުބިއްޔަތު ބިނާކުރަންޖެހެނީ ޤުރުއާނުގެ އަސާސްތަކުގެ މައްޗަށްކަމަށެވެ.
މިއަހަރުގެ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި މިހާތަނަށް އެންމެ ގިނަ ޙާފިޡުން ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ހާމަކުރެއްވީ، ޙާފިޒުންނަށް ދޭ އިނާޔަތް ދެގުނައަށް ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައެވެ. މިއީ ޤުރްއާން ހިތުދަސްކުރުމަށް ޒުވާނުން ހިތްވަރުދިނުމަށާއި މި މުހިންމު ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ