ޕާކިސްތާނާއި ސައޫދީ އަރަބިއްޔާގެ ދެމެދުގައި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މުހިންމު ދިފާއީ އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެއް ގައުމަކަށް ދޭ ހަމަލާއެއް ބެލެވޭނީ ދެ ގައުމަށް ވެސް އަމާޒުކޮށް ދޭ ހަމަލާއެއްގެ ގޮތުގައެވެ.
ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރެއްވި މި އެއްބަސްވުމަކީ ދެ ގައުމުގެ ދިފާއީ ގުޅުންތައް ވަރުގަދަކޮށް، ބޭރުގެ ހަމަލާތަކާ ދެކޮޅަށް އެއްބާރުލުމާއެކު މަސައްކަތް ކުރުމަށް އެހީތެރިވާނެ އެއްބަސްވުމެކެވެ.
ސައޫދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އެއް ގައުމަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކަލަކީ ދެ ގައުމަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމުގައި ދެކޭނެ ކަމަށެވެ.
ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ޕާކިސްތާނާއެކު ސައޫދީ އަރަބިއްޔާއިން މި ފަދަ އެއްބަސްވުމެއް ހެދި ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ސައޫދީގެ ގާތް އަވަށްޓެރި ގައުމެއް ކަމަށްވާ ގަތަރަށް ހަމަލާދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުން ސޮއިކުރެވުނީ ސަރަހައްދުގައި ސިޔާސީ ހާލަތު ގޯސްވަމުން އަންނަ ވަގުތެއްގައެވެ. މިދިޔަ މެއި މަހު ޕާކިސްތާނާއި އިންޑިއާގެ ދެމެދު ކަޝްމީރުގައި ހިނގި ތީވްރަ ހަނގުރާމައެއްގައި މިސައިލް، ޑްރޯން އަދި އާޓިލަރީ ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން ޝަހީދުވިއެވެ.
އެ ހަނގުރާމަ ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރެއްގެ ތެރޭގައެވެ. ކަޝްމީރުގައި ހިނގި ހަމަލާތަކާ ގުޅިގެން މޯދީ އެ ދަތުރު ކުރުކޮށްލައްވާ އިންޑިއާއަށް އެނބުރި ވަޑައިގަތެވެ. އެ ވަގުތު ސައޫދީ އަރަބިއްޔާއިން ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ބޮޑު މަސައްކަތްތަކެއް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ދެ ގައުމެއް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނަކީ ތާރީހީ ގޮތުން ގިނަ ހަނގުރާމަތަކެއް ކޮށްފައިވާ ދެ ގައުމެކެވެ. ދެ ގައުމުން ވެސް އެކަކު އަނެކަކު ތުހުމަތުކުރަނީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވާ ކަމަށެވެ.
ސައޫދީ އަރަބިއްޔާ އާއި އިންޑިއާގެ ގުޅުން ވެސް ވަރުގަދަވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސާދަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާއިންނެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ގައުމު ކަމަށްވާ އިންޑިއާއަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ