ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމުތަކަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ މއ. ސިގްމާގެ މުހައްމަދު މުޖްތާޒް އެވެ. އަދި ނައިބު ރައީސްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ މ. ފަލްކަންގެ މުހައްމަދު ނާސިހު އެވެ.
މި ދެ ބޭފުޅުން ޢައްޔަންކުރެއްވީ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ. މި ޢައްޔަންކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، އިއްޔެ ދެ ބޭފުޅުންނަށް ވެސް ރުހުން ދެއްވިއެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު ޖަލްސާއިން މުޖުތާޒް ސީއެސްސީގެ ރައީސްކަމަށާއި ނާސިހު ނައިބު ރައީސްކަމަށް ޢައްޔަންކުރުމަށް އިއްޔެ ފާސްކޮށްދެއްވިއެވެ.
ސިވިލް ސާވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސާވިސްގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ސިވިލް ސާވަންޓުންގެ ކަންކަން ރާވައި ހިންގުމުގެ މުހިންމު މަސްއޫލިއްޔަތު އުފުލާ މިނިވަން މުއައްސަސާއެކެވެ.
ކޮމެންޓު ފޮނުވާ