މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، މީޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ބާ ކައުންސިލުން ރޭ ގޮވާލައިފިއެވެ.
ނޫސްވެރިކަމާއި މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ މިނިވަން ހިޔާލުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ފަރުމާކޮށްފައިވާ ކަމަށް ބާއެއް މީޑިއާތަކުން ބުނަމުންދާ ބިލު، އާ އިސްލާހުތަކާ އެކު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައިވާއިރު، މަޖިލިސް ޗުއްޓީގައި އޮއްވާ އަވަސް އަރުވާލައިގެން މި ބިލު ކޮމިޓީން ފާސްކުރިކަން ފާހަގަކުރެވެއެވެ. ދައުރުން ބޭރު ޖަލްސާއެއް މިއަދު ބޭއްވުމަށް ވެސް މިހާރު ނިންމާފައިވާކަމާއި، މާދަމާ ޖަލްސާގައި މި ބިލު ފާސްކޮށްފާނެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރަމުން ދާކަން ފާހަގަކުރެވެއެވެ.
ބާ ކައުންސިލުން ރޭ 'އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބިލަށް އެ ކައުންސިލުގެ ހިޔާލު ހުށަހަޅާފައިވާ ކަމަށާއި، ލީގަލް ރިފޯމް އެންޑް ރިސާޗް ކޮމިޝަން (އެލްއާރުއާރުސީ)ގެ ހުށަހެޅުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށެވެ.
އަދި ބިލު ފާސްކުރުމުގެ ކުރިން މީޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތު ދިނުމަށް މަޖިލީހަށް ބާ ކައުންސިލުން ގޮވާލާފައިވެއެވެ.
ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށް، ބިލަށް ބައެއް އިސްލާހުތަކެއް ގެނެސް ކޮމިޓީން އިއްޔެ ފާސްކުރިއިރު، އެ ބިލަށް އަލަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު ނޫސްވެރިން އަދިވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި ބިލުގެ ދަށުން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން’ގެ މެންބަރުން އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރު އުނިކޮށް، އެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އިސްލާހު ގެނެސްފައިވީ ނަމަވެސް، ބިލުގައި ހުރި އެހެން ކަންބޮޑުވާ މާއްދާތަކަށް ހައްލު ލިބިދީފައި ނުވާކަން ނޫސްވެރިން ފާހަގަކުރަމުން ދެއެވެ.
ކޮމެންޓު ފޮނުވާ