ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. މަޖިލީހުން މިއަދު ބޭއްވި "މީޑިއާ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ނޫސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް އަޑުއަހައި، ދައުލަތުގެ ބަންޑާރަ ނައިބާއެކު މަޝްވަރާކޮށްގެން އެ މައްސަލަތަކަށް އިސްލާހު ގެނެސްފައިވާކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިން އެދުނު ގޮތަށް މީޑިއާގެ ލައިސަންސް ހިފެހެއްޓުމާ ގުޅޭ މާއްދާވެސް ބިލުން ނަގައިފައިވާކަމަށާއި، މައްސަލަ ބަލައި ނިމުމުން އެކަނި ފިޔަވަޅު އެޅޭނެ ގޮތަށް ބަދަލުކޮށްފައިވާކަމަށެވެ. އިސްލާހުތައް ގެނައުމަށްފަހު ބައެއް ނޫސްވެރިންނާ ފޯނުން ވާހަކަދެއްކިއިރު، އެ ބޭފުޅުންވެސް އިތުރު ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވިނަމަވެސް، ބިލު ފާސްނުކޮށް މަޑުކުރުމަށް އެދުނުކަމަށް ވަޒީރު ވިދާޅުވިއެވެ. "ކޮން ހައްލެއްހޭ ގެންނަންވީ ބުނެ އަހައިފިން. އެކަމަކު ނޫސްވެރިން ބުނަނީ ބިލު ޕާކުކޮށްލާށޭ. ކޮންކަމަކާތޯ ޕާކުކުރަންވީ. ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ" ވަޒީރު ވިދާޅުވިއެވެ.
މީޑިއާ ފޯރަމްގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރި ތަޖުރިބާކާރުން ޚިޔާލު ފާޅުކުރެއްވިއެވެ. މުންޑު އާދަމް ޙަލީމް ވިދާޅުވީ، ކަންކަމަށް ހައްލު ގެނެވޭނީ ޚިޔާލު ތަފާތުވެގެންކަމަށާއި، ނޫސްވެރިކަންވެސް ކުރަންވާނީ ވަކި ޚުދޫދެއްގެ ތެރެއިންކަމަށެވެ. ކުރީގައި ޝަރުޢީ ދާއިރާގެ ޚަބަރެއް ލިޔާނަމަ ކޯޓަށް ގޮސް ކުށް ފިލުވައި، ސުރުޚީ ޖަހަންވެސް އަނބުރާ ކޯޓަށް ދައްކަންޖެހުނު ކަމަށާއި، މިހާރު އެއަށްވުރެ ވަރަށް ބޮޑަށް މިނިވަން ނޫސްވެރިކަމެއް ކުރުމަށް ފުރުޞަތު ފަހިވެފައިވާކަމަށް އާދަމް ޙަލީމް ވިދާޅުވިއެވެ.
35 އަހަރަށްވުރެ ދިގު މުއްދަތެއް ނޫސްވެރިކަމުގައި ހޭދަކުރެއްވި މުޙައްމަދު ޝަހީބު ވިދާޅުވީ، ނޫސްވެރިންނަށް ކިތަންމެ ބޮޑަށް މިނިވަންކަން އޮތަސް މީހެއްގެ ކަރާމާތަށް އަރައިގަނެގެން ނުވާނެކަމަށެވެ. މީޑިއާ މޮނިޓަރކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން ނޫންކަމަށާއި، ނޫސްވެރިންނަށްވެސް ޒިންމާތަކެއް އޮވެ، އެ ޒިންމާތައް އަދާކުރަންޖެހޭކަމަށް ޝަހީބު ފާހަގަކުރެއްވިއެވެ.
10 އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިކަމުގައި މަސައްކަތްކުރި މުރުޝިދު ޢަބްދުލްޙަކީމް ވިދާޅުވީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައީސް އައްޔަންކުރާ 7 މެންބަރުންގެ އިތުރުން، އައު ބިލާއެކު އުފެދޭ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަށް މިނިވަން ނޫސްވެރިން އައްޔަންވުމަކީ ނޫސްވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ. މިއީ ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބަޔަކު ވާހަކަދައްކަމުންދަނީ ވަކި މަޤުޞަދެއް ހާސިލުކުރަންތޯ ކަމާމެދު މުރުޝިދު ސުވާލު އުފެއްދެވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ޙައްޤުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ސަރުކާރަކީ މި ސަރުކާރުކަމަށާއި، ކުރިން ނޫސްވެރިންނަށް ސުވާލުކުރަން ދެވުނީ މަދު ފުރުޞަތުކޮޅެއް ކަމަށާއި، މައިކު ދީފައި އަތުލާކަމަށް މުރުޝިދު ވިދާޅުވިއެވެ. މިހާރު ނޫސްވެރިން ބޭނުން ސުވާލެއް ކުރަން ފުރުޞަތުދޭކަމަށާއި، ރައީސް އޮފީސް ކުރިމަތީގައިވެސް ސުވާލުކުރަން ފުރުޞަތު ދެމުންދާކަމަށް މުރުޝިދު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމުގެ އިތުރުން، ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.
ކޮމެންޓު ފޮނުވާ