ލަންކާގެ މަސް ބޯޓެއްގެ ވެރިފަރާތް 400,000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ލަންކާގެ މަސް ބޯޓެއްގެ ވެރިފަރާތް 400,000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2025 06:43
0

2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ މަސްވެރިކަން ކުރި ސްރީ ލަންކާގެ "އަނުސްކާ ޑެސްހަން" ބޯޓުގެ ވެރިމީހާ 400,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ އެ ފަރާތުން 400,000 ރުފިޔާ ހޯދުމުގެ އިތުރުން، ބޯޓު ވެސް ދައުލަތަށް ނެގުމަށެވެ. ނަމަވެސް ކޯޓުން ނިންމީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެކަނި ހުކުމް ކުރުމަށެވެ. ބޯޓު ދައުލަތަށް ނެގުމަށް ކޯޓުން ހުކުމެއް ކޮށްފައެއް ނުވެއެވެ.

ކޯޓުން މި ހުކުމް ކޮށްފައިވަނީ އެ ފަރާތުގެ ގައިރު ހާޒިރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ ތިން އަހަރު ކުރިން، މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުގައި ކަމަށާއި، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީން މި ބޯޓު ހިފެހެއްޓީ ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހާލުގައި ކަމަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.