ގއ. ވިލިނގިލީގެ ވިޔަފާރި ތަންތަނަށް ދޮގު ޕޭމަންޓް ސްލިޕް ފޮނުވައިގެން މުދާ ނަގަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ ފަރާތަކީ މާލޭ، ގ. ރޯޒީގައި ދިރިއުޅޭ 37 އަހަރުގެ މުޙައްމަދު ޝާރިފެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު ޝާރިފް ހައްޔަރުކުރެވުނީ މިމަހުގެ 12 ވަނަ ދުވަހު ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ޝާރިފް ވަނީ ވިލިނގިލީގެ ތަފާތު ފިހާރަތަކުން ޖުމުލަ 1500 ރުފިޔާގެ އަގުހުރި މުދާ ނަގާފައެވެ.
ޝާރިފްގެ އަމަލުތައް ހިންގާފައިވާ ގޮތަކީ، ފިހާރަތަކުން މުދާ ނެގުމަށްފަހު އޮންލައިން މެދުވެރިކޮށް ފައިސާ ދެއްކިކަމަށް ބުނެ، ހަގީގަތުގައި ފައިސާ ނުދައްކާ ދޮގު ޕޭމަންޓް ސްލިޕްތައް ފިހާރަތަކަށް ފޮނުވުމެވެ. މި ގޮތަށް އޭނާ އަމަލުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާރިފް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. މިހާރު މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ