ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ހެދުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލު ފާސްކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކުގައި އާންމުންގެ ވޯޓު ނަގާނެއެވެ. މީގެ އިތުރުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅުންހުރި ކަންކަމުގައި ވެސް ވޯޓަށް އަހަންޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.
ކޮމިޓީން ގެނައި އެންމެ މުހިންމު ބަދަލަކީ، ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ގޮތް ހަމަޖެއްސުމެވެ. ހަމައެއާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާތާ 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ކަމަށް ބުނާ މާއްދާއަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. އިސްލާހުގައި ބުނެފައިވަނީ 45 ދުވަހަށްވުރެ ކުރު މުއްދަތެއްގައި ވެސް އިންތިހާބު ބާއްވާން އިލެކްޝަންސް ކޮމިޝަނަށް ނިންމިދާނެ ކަމަށެވެ.
އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތް ކަނޑައެޅޭނީ ދެވުނު ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނައިން ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވެއެވެ. ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ މި އިސްލާހުތަކާ އެކުގައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތްތަކުގައާއި، ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވާ ގަރާރަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ ގަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.
މި ގާނޫނު އަމަލުކުރަން ފެށުމާއެކު، ގާނޫނުއަސާސީއަށް ސަރުކާރުން ގެންނަން ގަސްދުކުރާ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެއެވެ. މި ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި، ލާމަރުކަޒީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލު މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެ ކަމަށެވެ. މިކަމުން ފާހަގަވަނީ ސަރުކާރުން ރާވާފައިވާ ސިޔާސީ އިސްލާހުތައް ކުރިއަށް ގެންދިއުމަށް މި ގާނޫނު މުހިންމު ދައުރެއް އަދާކުރާނެ ކަމެވެ.
ކޮމެންޓު ފޮނުވާ