އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޣައްޒާގައި ބަންދުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުރި ހަމައެކަނި ހުރަސް ކަމަށް ހޮސްޓޭޖެސް އެން މިސިން ފެމިލީސް ފޯރަމުން ތުހުމަތު ކޮށްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރޭގައި ހަމާސް ޖަމާއަތުން ހައްޔަރުކުރި އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން މިހާރުވެސް ވަނީ ޣައްޒާގައި ބަންދުގައެވެ. މި އަސީރުން ދޫކޮށްލުމަށާއި ހަނގުރާމަ ހުއްޓާލުމަށް އެދި އިސްރާއީލުގައި ގިނަ މުޒާހަރާތަކެއް ބޭއްވިފައިވީ ނަމަވެސް، ނަތަންޔާހޫ އިދާރާއިން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށް އާއިލާތަކުން ބުނެއެވެ.
ޤަތަރުގައި އިސްރާއީލުން ކުރި ފަހުގެ އޮޕަރޭޝަނަކާ ގުޅިގެން ނަތަންޔާހޫ ކުރި ބަޔާނަކަށް ރައްދުދެމުން، އަސީރުންގެ އާއިލާތަކުގެ ފޯރަމުން ބުނީ، 48 އަސީރުން އަނބުރާ ގެނެސް ހަނގުރާމަ ނިންމާލުމަށް ހުރި އެންމެ ބޮޑު ހުރަހަކީ ނަތަންޔާހޫ ކަމަށެވެ. "ކޮންމެ ފަހަރަކު ސުލްހައިގެ އެއްބަސްވުމެއް ކައިރިވާއިރު، ނަތަންޔާހޫ އެކަމަށް ހުރަސްއަޅާ" ކަމަށް ފޯރަމުން އިތުރަށް ބުނެފައި ވެއެވެ.
ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ނަތަންޔާހޫ ދެކޮޅުހައްދަވަނީ، އޭނާގެ ސިޔާސީ ވެރިކަން ދެމެހެއްޓުމަށް ކަމަށް ފޯރަމުން ތުހުމަތު ކުރެއެވެ. އަސީރުން މިނިވަންކުރުމުގައި ފެއިލްވެފައިވާތީ، އެކަމުގެ ޒިންމާއިން ސަލާމަތްވުމަށް ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ކަމަށާއި، "ވެރިކަމުގައި ދިގު މުއްދަތަކަށް ހުރުމަށް ބަހަނާ ހޯދުން ހުއްޓާލަންޖެހޭ ވަގުތު އައިސްފި" ކަމަށް ފޯރަމުން ބުންޏެވެ.
ބައެއް އަސީރުން ޣައްޒާގައި ބަންދުކުރެވިފައި ހުރިތާ ދެ އަހަރާ ގާތްވެފައިވާއިރު، ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން މި މީހުންގެ ފުރާނައަށް ނުރައްކާ އިތުރުވަމުންދާ ކަމަށް އާއިލާތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. ހަމާސްއާ އެކު އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި، ނަތަންޔާހޫ ބުނަމުން އަންނަނީ ހަމާސް ޖަމާއަތް ފުރިހަމައަށް އަމާންދޭންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
އިސްރާއީލުގެ އާންމުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލަމުން އަންނަނީ އަސީރުން ސަލާމަތްކުރުމަށް އިސްކަން ދީ، ހަމާސްއާ އެކު ވާހަކަދައްކައިގެން ހައްލެއް ހޯދުމަށެވެ. އެހެން ނަމަވެސް ނަތަންޔާހޫ އިދާރާއިން މިކަމަށް ދައްކާ އިސްކަން ކުޑަކަމުގެ ޝަކުވާ އަސީރުންގެ އާއިލާތަކުން ކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ