ދައުލަތަށް މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި ޖުމުލަ 39.7 ބިލިއަން ރުފިޔާގެ ތެރެއިން 66 ޕަސެންޓް ލިބިފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޝާއިޢުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 26.3 ބިލިއަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ މި އިރާ އަޅާބަލާއިރު 8 ޕަސެންޓްގެ އިތުރުވުމެކެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ކަމުގައިވާ 78 ޕަސެންޓަކީ ޓެކްސް އާމްދަނީ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޓެކްސް އާމްދަނީގެ ގޮތުގައި ޖުމުލަ 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމުގައިވާ 10.9 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމުލަ އާމްދަނީގެ 21 ޕަސެންޓެވެ. މި އާމްދަނީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 203 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ