ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ގަތަރުގައި ބާއްވާ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ވަޑައިގެންފިއެވެ.
އިސްލާމީ އަދި އަރަބި ގައުމުތަކުގެ މި ބައްދަލުވުމުގައި، ފަލަސްތީނުގައި އިޒްރޭލުން ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކާއި، ދާދިފަހުން ގަތަރުގައި ހުރި ހަމާސް ޖަމާއަތުގެ އިމާރާތްތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މިނިސްޓަރ ހަލީލު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ގަތުލުއާންމާއި، ގަތަރަށް ދިން ފަހުގެ ހަމަލާތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުން ގުޅިގެން ފިޔަވަޅު އެޅުމަށް މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ.
އިޒްރޭލުން ގަތަރުގައި ހުރި ހަމާސް ޖަމާއަތުން ބޭނުންކުރާ އިމާރާތްތަކަށް ދިން ހަމަލާތައް، އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާއިރު، މި މައްސަލައިގައި އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައިފައިވެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ގަތަރުގައި ސިޔާސީ އޮފީސް ހިންގާ ޖަމާއަތަކަށްވާއިރު، މި ހަމަލާތަކުން ގަތަރުގެ އިޚްތިޔާރާއި ސިޔާދަތަށް ވެސް އުނިކަން އައިސްފައިވާކަމަށް ބައެއް ގައުމުތަކުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ