ޓުވިޓަރ އިން، ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް 12 ގަޑިއިރަށް ލޮކް ކޮށްފި

ޓުވިޓަރ އިން، ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް 12 ގަޑިއިރަށް ލޮކް ކޮށްފި

Author
ހުސެއިން
07 ޖެނުއަރީ 2021 08:03
0

އެމެރިކާގައި މިހާރު ހިގަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް ހިތްވަރުދީ ޓްރަމްޕް ކުރި 3 ޓުވީޓަކާ ގުޅިގެން ޓުވިޓަރއިން ކުރިޔަށް އޮތް 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ލޮކް ކޮށްފިއެވެ.

ޓުވިޓަރއިން އާންމުކުރާ ސޭފްޓީ ޓޫލްތަކާ އަދި އެނޫންވެސް ޓުވިޓަރގެ ރައްކާތެރިކަމާގުޅޭ މުހިންމު މައުލޫމާތު އާންމުކުރާ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވޮޝިންޓަން ޑީސީގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނާއި، އަދި އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް އެކުންފުނިން އާންމު ކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޓްރަމްޕްގެ ރަސްމީ އެކައުންޓުން ކޮށްފައިވާ 3 ޓުވީޓެއް ޓްރަމްޕްގެ ޓުވިޓަރ ހެންޑްލްއިން ޑިލީޓް ކުރުމަށް މިހާރު އެންގިފައިވާނެ ކަމަށެވެ.

އަދި މި ޓުވީޓްތައް ޑިލީޓް ކުރުމަށް ފުރުސަތުދީ ކުރިޔަށް އޮތް 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ލޮކް ކޮށްފައިވާކަމަށް ބުނެ ޓުވިޓަރ އިންވަނީ ޓުވީޓް ކޮށްފައެވެ. އަދި މިޓުވީޓްތައް ހޭންޑްލްއިން ދާއިމީ ގޮތެއްގައި ޑިލީޓް ނުކުރާނަމަ، އެކައުންޓް ލޮކް ކޮށްފައި ބަހައްޓާނެ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ތަކުރާރުކޮށް، ޓުވިޓަރއިން އާންމު ކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ނުރައްކާތެރި ސިޔާސަތުތައް ޓްރަޕްގެ ޓުވިޓަރއެކައުން ފަތުރާ ހިތްވަރު ދެމުންދާނަމަ، ދާއިމީ ގޮތެއްގައި އެ އެކައުންޓް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ޓުވިޓަރއިން ދީފައިވެއެވެ.

ޓުވިޓަރއިން ބުނެފައިވަނީ، އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހިގަމުންދާ ހަމަނުޖެހުންތައް އެކުންފުނިން ވަރަށް ގާތުން ބަލަމުން ދާކަމަށާއި، އަދި ޓުވިޓަރ މެދުވެރިކޮށް އާންމު ކުރަމުންދާ ސްޓޭޓްމަންޓް ތައްވެސް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި، އުސޫލުތައް ތަންފީޒުކުރުމުގައި އަޅަމުންދާ ފިޔަވަޅުތައް އާންމުންނާ ހަމައަށް ގެނެސްދެމުންދާނެ ކަމުގައިވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.

ޓުވިޓަރއިން މީގެކުރިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވިޔަސް، ޖޯ ބައިޑްން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހު އެމެރިކާގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓް ބައިޑްއާ ހަވާލު ކުރާނެކަމަށެވެ.

އެމެރިކާގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓަކީ "POTUS@" އެވެ. މިއެކައުންޓަކީ 32.8 މިލިއަން މީހުން ފޮލޯ ކުރާ އެކައުންޓެކެވެ. މި އެކައުންޓުން މިހާތަނަށް 10،900 ޓުވީޓު ކޮށްފައިވާއިރު، އެކައުންޓް އުފަދާފައިވަނީ 2017 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައެވެ.

ވައިޓް ހައުސްއިން ބޭނުން ކުރަމުންދާ ޓުވިޓަރ އެކައުންޓުތަކުގެ ތެރެއިން، ބައިޑްންއާއި ހަވާލު ކުރެވިގެންދާނެ އެކައުންތަކުގެ ތެރޭގައި، ފަސްޓް ލޭޑީގެ ރަސްމީ ޓުވިޓައ އެކައުންޓް FLOTUS@ އާއި، ނާއިބު ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓް VP@ އާއި އަދި ވައިޓް ހައުސްގެ ރަސްމީ ޓުވިޓަރ އެކައުންޓް WhiteHouse@ ވެސް ހިމެނެއެވެ. މި ދުވަހަށްއަށްފަހު ނާއިބް ރައީސް މައިކް ޕެންސްއާއި އަދި ފަސްޓް ލޭޑީ މެލާނިއާ ޓަރަންޕަށް ޓުވީޓު ކުރުމުގެ ފުރުސަތު ލިބިގެންދާނީ އެބޭފުޅުންގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުތަކުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ދައުރުގައި މިހާތަނަށް ރަސްމީ އަދި ނުރަސްމީ ޓުވީޓުތައްވެސް ކުރެއްވުމުގައި ބޭނުން ކުރައްވާފައިވަނީ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް realDonaldTrump@ އެވެ. މި އެކައުޓް 88.9 މިލިއަން މީހުން ފޮލޯ ކުރެއެވެ.

ޓްރަމްޕްގެ ވެރިކަމުގެ މުޅި ދައުރުގައިވެސް ޓުވިޓަރއާއި އޭނާއާއި ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ. އަދި ޓުވިޓަރއިން ވަނީ ފާއިތުވެދިޔަ މަސްތަކުގައި، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށްބުނެ ޓްރަމްޕް ކުރަމުންދާ ޓުވީޓު ތަކާއި އަދި ކޮރޯނާ ވައިރަހާ ގުޅޭގޮތުން ފަތުރަމުން ދިޔަ ހަގީގަތާ ޚިލާފު މައުލޫމާތުތަކުގެ ސަބަބުން ކަމަށްބުނެ، ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އޮޕަރޭޓު ކުރުމުގައި ބައެއް ހިފެހެއްޓުންތައް ކުރިމަތި ކުރުވާފައެވެ. މިގޮތުން، ފަހުން ޓްރަމްޕް ކޮށްފައިވާ ގިނަ ޓުވީޓުތަކުގައި ޓުވިޓަރއިން ވަނީ ސަމާލު ވުމަށް އަންގާ ޚާއްސަ މެސެޖެއް ހިމަނާފައެވެ. އަދި ޓްރަމްޕްގެ ބައެއ ޓުވީޓުތައް ޓުވިޓަރއިން ސެންސަރުވެސް ކޮށްފައިވެއެވެ.

ޓުވިޓަރއިން އެމެރިކާގެ ރައީސްގެ ޓުވީޓުތަކުގައި އިންޒާރުގެ މެސެޖްތައް ހިމަނާ އަދި ބައެއް ޓުވީޓުތައް ސެންސަރު ކުރަމުން ދިއުމާގުޅިގެން، ބައެއް ފަރާތްތަކުން ވަނީ ޓުވިޓަރ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިފަދަ ފަރާތްތަކުން ބުނާ ގޮތުގައި ޓުވިޓަރ އިންވަނީ އެމެރިކާގެ ކޮންޒަރވޭޓިވުންނާމެދު ސިޔާސީ ވިސްނުމެގައި ބޭއިންސާފުން އަމަލު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.