ހަމާސް ނުހިމެނޭ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް އާންމު މަޖިލީހުގެ 142 ޤައުމުން ތާއީދު ކޮށްފި

ހަމާސް ނުހިމެނޭ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް އާންމު މަޖިލީހުގެ 142 ޤައުމުން ތާއީދު ކޮށްފި

Author
ޙަސަން މުޙައްމަދު
12 ސެޕްޓެމްބަރ 2025 09:21
0

އދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މިއަދު، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހަމާސް ޖަމާޢަތުގެ ބައިވެރިވުން ނުހިމެނޭ ގޮތަށް، "ނިއުޔޯކް ޑެކްލަރޭޝަން" ފާސްކޮށްފިއެވެ. މި ޤަރާރަށް 142 ޤައުމަކުން ތާއީދުކޮށްފައިވާއިރު، 10 ޤައުމަކުން ދެކޮޅަށް ވޯޓުދީ، 12 ޤައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

މި ޑެކްލަރޭޝަން އުފެދިފައިވަނީ މި އަހަރުގެ ޖުލައި 28 އިން 30 އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ ގައި ބޭއްވުނު ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޗަން އޮފް ޕަލަސްޠީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާގެ ގޮތުގައެވެ.

ފަލަސްޠީނުގެ ދިގުމުއްދަތުގެ ކޮންފްލިކްޓަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން، އިޤްތިޞާދީ ގޮތުން ދިރިއުޅެވޭނެ، އަދި ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުން ހިމެނެއެވެ. މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ދައުލަތެއް އުފެދުމުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ސަރަޙައްދީ ސަލާމަތާއި ސުލްޙަ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުން، އަދި ޤައުމުތަކުގެ މިނިވަންކަން ކަށަވަރުކުރުން އިތުރަށް ވަރުގަދަވާނެއެވެ.

ދެމެހެއްޓެނިވި ޞުލްޙަވެރި ޙައްލަކަށް ވާސިލުވާނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، އިރުމަތީ ޤުދުސް (އީސްޓް ޖެރޫސަލަމް) އަކީ ފަލަސްޠީނު ދައުލަތުގެ ވެރިރަށް ކަމުގައި ހަމަޖައްސައިގެން ކަމަށް މި ޑެކްލަރޭޝަންގައި ބަޔާންކޮށްފައިވެއެވެ. މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ ގެ ޗާޓަރާ އެއްގޮތަށް ފަލަސްޠީނު ދައުލަތް ޤާއިމުކުރުމަށް ދިވެހިރާއްޖެއިންވެސް ތާއީދުކުރާކަން މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.