ޓްރަމްޕްގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލިހަށް ދިން ހަމަލާއަށްފަހު، އަނެއްކާވެސް ބައިޑްންއަށް ރުހުން ދިނުން ކުރިޔަށް

ޓްރަމްޕްގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލިހަށް ދިން ހަމަލާއަށްފަހު، އަނެއްކާވެސް ބައިޑްންއަށް ރުހުން ދިނުން ކުރިޔަށް

Author
ހުސެއިން
07 ޖެނުއަރީ 2021 07:14
0

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާމަޖިލިހަށް ވަދެގަނެ، ދިން ހަމަލާތަކަށްފަހު، އަނެއްކާވެސް ޖޯބައިޑްއަށް ރުހުން ދިނުމަށްޓަކާ ބާއްވާ މަޖިލިސް ޖަލްސާ ފަށައިފިއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު، އިލެކްޓޯރަލް ވޯޓުން ބައިޑްން ހޯދި ކާމިޔާބީއަށް ކޮންގްރެސް އިން ރުހުން ދިނުމަށްޓަކާ ބާއްވަމުން އައި ޖަލްސާ ހުއްޓުމަކަށް އައިސްފައިވަނީ ޓްރަމްޕްގެ ސަޕޯޓަރުން ޖަލްސާކުރާ މާލަމްތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މިހަމަނުޖެހުންތަކުގައި އެކަކު މަރުވެފައިވާ ކަމުގައި ރަސްމީ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

ޓްރަމްޕް ގެންދަވަނީ، އެމެރިކާގެ ސެނެޓްގައި ނަގަން ހަމަޖެހިފައިވާ، ބައިޑްންއަށް ރުހުން ދިނުމުގެ ވޯޓުގެކުރިން މުޒާހިރާ ކުރިޔަށް ގެންދިއުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލަމުންނެވެ.

އެމެރިކާގެ ކޮންގްރެސްގައި ނަގަން ހަމަޖެހިފައިވާ ވޯޓުގެ ކުރިން ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްއަށް ޖަމާވެފަ

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކެޕިޓަލް ހިލްއަށް ވަދެގެންފައިވަނީ، އެތަނުގައި މަޖިލީހުގެ މެމްބަރުން ޖަލްސާ ކުރަމުން ދަނިކޮށެވެ. ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން މަޖިލިސް ކުރާ ގެއަށް ވަދެގެންފައިވަނީ، އޭނާ އަމިއަލް ޓުވިޓަރ އެކައުންޓު ބޭނުންކޮށްގެން، ބައިޑްންއަށް ރުހުން ދިނުމަށް ބޭއްވެމުންދާ މިޖަލްސާއާއި ދެކޮޅަށް މުޒާހިރާ ކުރުމަށް ގޮވާލަމުން ގެންދަވަނިކޮށެވެ. އެހެންނަމަވެސް، ގާނޫނު ހަދާ މަޖިލިސްތެރެއަށް ސަޕޯޓަރުން ވަދެގަތުމާއެކު ޓްރަމްޕް ވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

ޓްރަމްޕްގެ ނާއިބު ރައީސް މައިކް ޕެންސްވަނީ، ޓަރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްއަށް ވަދެގަތުން ވަރަށްބޮޑަށް ކުއްވެރި ކުރައްވާފައެވެ. އަދި އޭނާވަނީ، މިއަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލައްވާފައެވެ.

ޕެންސް ވިދާޅުވެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، އެމެރިކާގެ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށާއި، އެހެން ނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ވެދެގަނެއް، ހަމަނުޖެހުން ހިންގުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

ބައެއް މީޑިއާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް ޓްރަމްޕްގެ ސަޕޯޓަރުން ތިބީ ހަތިޔާރު ހިފައިގެންނެވެ. އަދި މިމީހުން ގާނޫނުހަދާ މަޖިލިސް ބިލްޑިންގ ތެރެއަށްވަދެ، ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާ، ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފުލުހުންނާ ވަނީ ކުރިމަތި ލާފައެވެ.

މިހަމަނުޖެހުންތަކާ ގުޅިގެން، ބައިޑްންއަށް ރުހުން ދިނުމަށްޓަކާ ކުރިޔަށްދިޔަ ޖަލްސާ މެދުކަޑާލަން މަހުބޫރު ވިއެވެ. އެހެންނަމަވެސް އެމެރިކާގެ ނޭޝަނަލް ގާޑް ޓްރޫޕްސްގެ ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެސަރަހައްދަށް އައިސް، މުޒާހިރާ ކުރުމުން ދިޔަ ފަރާތްތަތައްވަނީ އެސަހައްދުން ދުރަށް ޖައްސާފައެވެ.

ރަޔަޓް ގިޔަރުގައި ތިބި ފުލުހުންވަނީ މުޒާހިރާގެ ބައިވެރިން ކެޕިޓަލް ހިލް ހިމެނޭ ސަރަހައްދުން ދުރަށް ޖައްސާފަ

ޖޯބައިޑްންއަަށް ރުހުން ދިނުމަށްޓަކާ ބޭއްވެމުންދި މިޖަލްސާ ހުއްޓުވުމަށް މުޒާހިރާ ކުރުމަށް ޓްރަމްޕް ގޮވާލައްވާފައި ވަނީ، މި ޖަލްސާގައި އިލެކްޓޯރަލް ވޯޓުން ބައިޑްން ހޯއްދެވި ކާމިޔާބީއާއި ދެކޮޅަށް ސެނެޓްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ.

އެހެންނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދަނީ، މިޖަލްސާގައި ބޮޑުތަފާތަކުން ބައިޑްންއަށް ރުހުން ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.