ސައުތު އޭޝިއަން ސުޕަ ކަޕް: ލަންކާ ބަލިކޮށް ރާއްޖެ ޗެމްޕިއަން ހޯދައިފި

ސައުތު އޭޝިއަން ސުޕަ ކަޕް: ލަންކާ ބަލިކޮށް ރާއްޖެ ޗެމްޕިއަން ހޯދައިފި

Author
ހުސައިން
09 ސެޕްޓެމްބަރ 2025 08:18
0

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ. ދެ ލެގްގެ މެޗު ސީރީޒްގައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްރީ ލަންކާ ބަލިކޮށްގެން ރާއްޖެއިން ތަށި ހޯދީ، ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުގައެވެ.

ފުރަތަމަ ލެގުގައި ރާއްޖެއިން 3-0 އިން މޮޅުވި ނަމަވެސް، ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗަށް ރާއްޖޭގެ ގައުމީ ޓީމު ނުކުތީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ފުރަތަމަ އެގާރައިގައި ހިމަނައިގެން ނޫންކަން ފާހަގަކުރެވެއެވެ. ކެޕްޓަންގެ ޒިންމާ އަދާކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ރާއްޖެއަށް ލީޑު ނެގިއެވެ. ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިން ފުރަމާލެވުމުން، ރިބައުންޑް ބޯޅަ ދާދު ގޯލަށް ފޮނުވާލައިގެން ރާއްޖެ ކުރިއަށް ޖެހިލިއެވެ. ނަމަވެސް އިތުރު ވަގުތުގެ ފަސް މިނެޓް ތެރޭގައި، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ކެލާޓް ލަންކާއަށް ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ.

މެޗުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ފާހަގަކޮށްލެވޭ ފަދަ ޕާފޯމަންސެއް ދެއްކިއެވެ. އޭރިއާ ތެރެއިން އޮލިވާ ކެލާޓް ފޮނުވާލި ބާރު ހަމަލާއެއް ފައިސަލް ހުށިޔާރުކަމާއެކު ދިފާއުކުރުމުގެ އިތުރުން، ލަންކާގެ އެކި ހަމަލާތައް ހުއްޓުވުމުގައި ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފިއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ކޯނަރަކުން ލަންކާގެ ގަރެޓް ކެލީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވުމުން ރާއްޖެ ސަލާމަތްވިއެވެ.

ކޯޗު މޯހަންއަކީ 2008 ގައި ލަންކާގައި އިންޑިއާ ބަލިކޮށް ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދިއިރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ބޭފުޅެކެވެ. އޭނާ ވަނީ ދިގު މުއްދަތަކަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ޚިދުމަތްކޮށްފައެވެ.

އަސްލުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވީ ހަތަރު ގައުމު ބައިވެރިވާ ސައުތު އޭޝިއަން ސުޕަ ކަޕް މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު ދައުވަތު ދިން ބައެއް ގައުމުތަކުން ބައިވެރިނުވާނެކަން އެންގުމުން، ރާއްޖެއާއެކު ދެ މެޗު ކުޅެ، ނަތީޖާއިން މޮޅުވާ ޓީމަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ދިނުމަށް ލަންކާގެ އެފްއޭއިން ނިންމިއެވެ. ރާއްޖެއިން ވަނީ މި ދައުވަތު ގަބޫލުކޮށް، މުބާރާތުގައި ބައިވެރިވެ، ޗެމްޕިއަންކަން ހޯދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.