ރައްޔިތުންގެ މަޖިލީހުން މާލީ ބަޔާން ހުށަހެޅުމަށް 15 ދުވަހުގެ ނޯޓިސް ދިން ފަސް މެންބަރުން ވެސް އެ ބަޔާން ހުށަހަޅައި، މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ކަމަށް މަޖިލީހުން ހާމަކޮށްފި އެވެ.
މިދިޔަ މަހުގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ގާނޫނީ ޝަރުތު ފުރިހަމަ ނުކުރާތީ މަޖިލީހުން އިތުރު ފުރުސަތެއް ދިނީ ވެރިކަންކުރާ ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ އެއް މެންބަރަކަށެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ އިސްމާއީލް ނިޒާރު، މައްޗަންގޮޅި މެދު ދާއިރާގެ އަހުމަދު ޒަމީރު، މާފަންނު ހުޅަނގު ދާއިރާގެ މުސްތަފާ އިބްރާހީމް، ކުރެންދޫ ދާއިރާގެ މުހައްމަދު ޝާހީން އަދި އެމްއެންޕީގެ މާފަންނު އުތުރު ދާއިރާގެ މުހައްމަދު ނާޒިމެވެ.
މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ އިތުރު ފުރުސަތެއް ދޭން ޖެހެ އެވެ. މި މުއްދަތުގައި ވެސް ބަޔާން ހުށަނާޅައިފިނަމަ، މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެންބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް ގަވާއިދު ލާޒިމްކުރެ އެވެ.
މަޖިލީހުގެ ތަޅުމުން ނެރޭ މެންބަރުންނަށް އަލުން ޖަލްސާތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން ހުށަހެޅުމަށްފަހުގަ އެވެ. އަދި ބަޔާން ހުށަނާޅާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ކަނޑާލުމަކީ ވެސް އަޅާ ފިޔަވަޅެކެވެ.
މި ފަސް މެންބަރުން ނޯޓިސް ލިބުމަށްފަހު މާލީ ބަޔާން ހުށަހެޅުމުން، މަޖިލީހުގެ އެންމެހައި މެންބަރުން މިހާރު ގާނޫނީ ޝަރުތު ފުރިހަމަކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ