ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީން 1.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކާލައިފިއެވެ. މިނިސްޓްރީން ހާމަކުރި ތަފްސީލުތަކުން ދައްކާގޮތުން މިފަހަރު ޖުމުލަ ހަތަރު ވައްތަރެއްގެ ޓީ-ބިލް ދޫކޮށްފައިވާކަމަށް ފާހަގަކުރެވެއެވެ.
މިގޮތުން އޮކްޓޫބަރު 6 ގައި މުއްދަތު ހަމަވާ 190 މިލިއަން ރުފިޔާގެ ޓީ-ބިލްއަކާއި، ޑިސެމްބަރު 15 ގައި އަނބުރާ ދައްކަންޖެހޭ 204.04 މިލިއަން ރުފިޔާގެ ޓީ-ބިލްއެއް ދޫކޮށްފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ މާޗު 9 ގައި މުއްދަތު ހަމަވާ 170 މިލިއަން ރުފިޔާގެ ޓީ-ބިލްއަކާއި، އަންނަ އަހަރުގެ ސެޕްޓެމްބަރު 7 ގައި އަނބުރާ ދައްކަންޖެހޭ 719.47 މިލިއަން ރުފިޔާގެ ޓީ-ބިލްއެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިފަހަރު ދޫކުރި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުރީ 3.50 އިންސައްތައިން ފެށިގެން 4.60 އިންސައްތައާ ދެމެދުގައެވެ. މިފަދަ ސަރުކާރުގެ ސެކިއުރިޓީޒް މައިގަނޑުގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑާއި، ރާއްޖޭގެ ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެހެންނަމަވެސް އަމިއްލަ ކުންފުނިތަކުންވެސް މިފަދަ ސެކިއުރިޓީޒްގައި އިންވެސްޓްކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ޓްރެޜަރީ ބިލްއަކީ ސަރުކާރުން ކުރު މުއްދަތަކަށް ފައިސާ ހޯދުމަށް ދޫކުރާ ސެކިއުރިޓީއެކެވެ. މިއީ ޑިސްކައުންޓް އަގެއްގައި ވިއްކައިގެން، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ލޯނެކެވެ. މިފަދަ ގަވަރުމަންޓް ސެކިއުރިޓީޒްއަކީ ސަރުކާރުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށް މުހިންމު ވަސީލަތެއްކަމުގައި މާލީ ޚާއްސަ މާހިރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ