އދ. ޖެނެރަލް އެސެމްބްލީގައި އިންޑިއާ ތަމްސީލުކުރާނީ ޚާރިޖީ ވަޒީރު ޖައިޝަންކަރު، މޯދީ ތަގުރީރު ނުކުރައްވާނެ

އދ. ޖެނެރަލް އެސެމްބްލީގައި އިންޑިއާ ތަމްސީލުކުރާނީ ޚާރިޖީ ވަޒީރު ޖައިޝަންކަރު، މޯދީ ތަގުރީރު ނުކުރައްވާނެ

Author
އަހުމަދު
06 ސެޕްޓެމްބަރ 2025 09:51
0

އދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ އާންމު ބަހުސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަދަލުގައި ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ބައިވެރިވެއްވުމަށް ނިންމައިފިއެވެ.

ޖުލައި މަހު ނެރުނު ފުރަތަމަ ލިސްޓުގައި ބޮޑުވަޒީރު މޯދީ ސެޕްޓެމްބަރު 26 ގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެންމެ ފަހުގެ އަޕްޑޭޓް ލިސްޓުގައި އިންޑިއާ ތަމްސީލުކުރައްވާނީ ޚާރިޖީ ވަޒީރު ޖައިޝަންކަރު ކަމަށް ދައްކައެވެ. އެމަނިކުފާނު ސެޕްޓެމްބަރު 27 ގައި މަޖިލީހުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

ސެޕްޓެމްބަރު 9 ގައި ފެށޭ މި އަހަރުގެ ޖެނެރަލް އެސެމްބްލީއަކީ އދ. އުފެދުނުތާ 80 އަހަރު ފުރޭ ޚާއްސަ ދައުރެކެވެ. "ބެޓާ ޓުގެދާ: 80 އިޔާސް އެންޑް މޯ ފޯ ޕީސް، ޑިވެލޮޕްމަންޓު އެންޑް ޙިއުމަން ރައިޓްސް" މި ތީމުގެ ދަށުން ބާއްވާ މި ދައުރުގެ މަޖިލީހުގައި، އދ. އުފެދުނުތާ 80 އަހަރު ފުރުން ފާހަގަކުރުމަށް ސެޕްޓެމްބަރު 22 ގައި ޚާއްސަ މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސެޕްޓެމްބަރު 23 އިން 29 އަށް ކުރިއަށްދާ އާންމު ބަހުސްގައި ދުނިޔޭގެ ލީޑަރުން ބައިވެރިވާނެއެވެ. މަރުކަޒީ އާދަކާދައާ އެއްގޮތަށް ފުރަތަމަ ތަގުރީރުކުރާނީ ބްރެޒިލްއިން ކަމަށާއި، ދެވަނައަށް އެމެރިކާއިން ވާހަކަދައްކާނެއެވެ. ސެޕްޓެމްބަރު 26 ގައި އިސްރާއީލް، ޗައިނާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ލީޑަރުން ވެސް ތަގުރީރުކުރައްވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.

އދ.ގެ އޮފިޝަލުން ބުނި ގޮތުގައި، ވާހަކަ ދައްކާ ފަރާތްތަކުގެ ލިސްޓަކީ ވަގުތީ ލިސްޓެއް ކަމަށާއި، މަޖިލީސް ފެށުމާ ކައިރިވަމުން އަންނައިރު މި ލިސްޓަށް ބަދަލުތައް އައުމަކީ އާދައިގެ ކަމެއް ކަމަށެވެ. މަތީ ފެންވަރުގެ ހަފުތާއަށް ތައްޔާރުވާއިރު ތާވަލުތަކަށާއި ބައިވެރިވާ ފަރާތްތަކަށް ބަދަލު އަތުވެދާނެ ކަމަށާއި، އެފަދަ ބަދަލުތައް ވަގުތުން ވަގުތަށް އަޕްޑޭޓްކުރަމުން ގެންދާނެ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.