އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

Author
ޙަސަން މުޙައްމަދު
06 ސެޕްޓެމްބަރ 2025 02:19
0

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ޑޮލަރު ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ފާހަގަކުރެއްވީ، ކުންފުންޏަށް 30 އަހަރުވެގެން ދިޔައިރުވެސް، މިހާތަނަށް ޑޮލަރު ލިބޭނެ ވަސީލަތްތަކެއް ހަމަޖެހިފައި ނެތް ކަމަށެވެ.

މިހާރުގެ މެނޭޖްމެންޓް ބޯޑުގެ މައިގަނޑު އަމާޒަކީ ޑޮލަރުން އާމްދަނީ ލިބޭނެ ވަސީލަތްތައް ހަމަޖެއްސުން ކަމަށް މަތީން ވިދާޅުވިއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ދާއިރާއަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ކަސްޓަމަރުން، ޚާއްސަކޮށް ޓޫރިސްޓް ފެސިލިޓީތަކާއި މާފުށި އަދި މާލޭގައި ތިބި ފަރާތްތަކުން ޑޮލަރުން ފައިސާ ދައްކަން އެގްރީމެންޓަކަށް ދެވިދާނެތޯ ދިރާސާކުރަމުންދާ ކަމަށް މަތީން ވިދާޅުވިއެވެ. ކިތަންމެ ކުޑަ އަދަދެއް ވިޔަސް، އެއީ ކުންފުންޏަށް ބޮޑު ލުޔަކަށްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އުފައްދާފައިވާ އެމްޓީޑީސީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަތީން ވިދާޅުވިއެވެ. ނާގޮށީގެ މަސައްކަތް ފެށިފައިވާއިރު، އެކުންފުންޏާ ގުޅިގެން މަސައްކަތް ކުރެވިދާނެތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ ޓީމްތަކުން ކުރަމުން އަންނައިރު، އެކަންކަން ފަތުރުވެރިކަމުގެ ދާއިރާގައިވެސް ކުރެވިދާނެ ކަމަށް މަތީން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެމްޑަބްލިޔުއެސްސީން މަސައްކަތް ކުރާނަމަ، ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ. ރަނގަޅު އިންޖީނިއަރިން ޓީމެއް އޮތް ކުންފުންޏެއް މަސައްކަތް ކުރާއިރު އޭގެ އިތުބާރުވެސް އިންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ހިދުމަތް ދިނުމުގައި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، މި ހިދުމަތްތައް ދިނުމަށް ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމުގެ މަރުހަލާގައި އޮތް ކަމަށް މަތީން ވިދާޅުވިއެވެ. ހިދުމަތްތައް ފުޅާކުރާނަމަ، ދެން ތަރައްޤީގެ މަރުހަލާގައި އޮތް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ އަގު ބޮޑުވެގެން ދިއުމުން ހިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދު ބޮޑުވެގެންދާ ކަމަށް މަތީން ވިދާޅުވިއެވެ. ނަމަވެސް އެ ހަރަދު ބޮޑުވުން އާއްމު ރައްޔިތުންނާ ހަމައަށް ސަރުކާރުން ނުފޯރުވާ ކަމަށާއި، ސަރުކާރުން ލުއިތައް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަރަދުތައް ކުންފުނީގެ ތެރެއިން އެބްޒޯބް ކުރަންޖެހޭ ކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވާހަކައަކީ މިހާރު ޤައުމީ ލެވެލެއްގައި ދެކެވެންޖެހޭ ވާހަކައެއް ކަމަށް މަތީން ވިދާޅުވިއެވެ. ޑިމޮކްރެސީއެއްގެ ތެރޭގައި މިކަހަލަ އުނދަގޫ ވާހަކަތައް ދައްކަން އުނދަގޫވެދާނެ ނަމަވެސް، އުނދަގޫ ބައެއް ވާހަކަތައް ދައްކައިގެން ކަންކަން ރަނގަޅުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނޫނީ މިހާރަށްވުރެވެސް އުނދަގޫ ހާލަތެއް ކުރިމަތީގައި އޮންނާނެ ކަމަށް މަތީން ވިދާޅުވިއެވެ.

ދަރަނިތަކުންވެސް އަރައިގަންނަންޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް ކުރިއަށް ނުދެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ. ހިދުމަތްތައް އިތުރަށް ޤާއިމުކުރެވޭނީވެސް ދަރަނިތަކުން އަރައިގަނެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމަށް ޔޫޓިލިޓީ އާއި ނޮން ޔޫޓިލިޓީގެ ރޭޝިއޯ ބައިތަކުން ކުންފުނީގައި މޮޑެލް ހެދިފައިވާ ކަމަށާއި، ކުންފުނީގައި ހުރި ރިސޯސްތައް ބޭނުންކޮށްގެން ކުންފުންޏަށް އާމްދަނީ ހޯދައިފިނަމަ އެހެން އަންނަ ލޮޅުންތަކުން ސަލާމަތްވެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ.

ޔޫޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ލަފާނުކުރެވޭ ވަރަށް ގިނަ ކަންތައްތައް ކުއްލި ކުއްލިއަށް ދިމާވާނެ ކަމަށް މަތީން ފާހަގަކުރެއްވިއެވެ. މިއަހަރު ދިމާވި ޑޮލަރު މައްސަލައަކީ މިކަހަލަ ކަމެއް ކަމަށާއި، އެމްޑަބްލިޔުއެސްސީއަކީ އިންތިހާއަށް ޑޮލަރު ބޭނުންވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރު ހާކަށް ރާއްޖެއިން ބޭރުން ބޭނުންވާ އެއްޗެހި ހޯދުމަށް ބޭނުންވާނެ ކަމަށް މަތީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.