އިޒްރޭލުގެ ސިފައިން ޣައްޒާ ސިޓީ ހިފުމަށް ކުރަމުން ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ އެ ސިޓީގެ 12 ބުރީގެ އިމާރާތެއް މިސައިލުން ހަމަލާދީ ގޮވާލައިފިއެވެ. މި ހަމަލާ ދިނީ އުސް އިމާރާތްތަކަށް މިސައިލުން ހަމަލާ ދޭނެ ކަމުގެ އިންޒާރެއް ދިނުމަށްފަހު ގަޑިއެއްހާއިރު ފަހުންނެވެ.
އަލް ރިމާލް އަވަށުގައި ހުރި މުޝްތަހާ ޓަވަރަށް ދިން ބޮމް ހަމަލާގައި އިމާރާތުގެ ބުޑަށް ވަރުގަދަ ގޮތެއްގައި ބޮމް ޖަހައި، ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އޭއެފްޕީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އިމާރާތް ވެއްޓުނުއިރު ދުމާއި ހިރަފުހުން އެ ސަރަހައްދު ވަނީ ފުރިގެން ގޮސްފަ އެވެ.
އިޒްރޭލުގެ ސިފައިން ބުނި ގޮތުގައި މި އިމާރާތަކީ ހަމާސްގެ މެންބަރުން އިޒްރޭލު ސިފައިންނާ ދެކޮޅަށް އޮޕަރޭޝަންތައް ރާވައި ހިންގުމަށް ބޭނުންކުރާ ތަނެކެވެ. އެ ގައުމުން ވަނީ ޣައްޒާ ސިޓީގެ އުސް އިމާރާތްތަކުގައި ހަމާސްގެ ޓެރަރިސްޓް ހަރަކާތްތައް ހިންގާކަން ފާހަގަކުރެވޭ ކަމަށް ބުނެ، ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިމާރާތްތަކަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހަމަލާގެ ވަގުތު އެ ސަރަހައްދުގައި ހުރި މީހުން ކިޔާދީފައިވާ ގޮތުގައި އިންޒާރު ލިބުނުތާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިމާރާތުން މީހުން ނިކުންނަން ޖެހުނެވެ. އަތުގައި ހިފެހެއްޓޭ އެއްޗެއްސާ އެކު މީހުން އިމާރާތުން ނިކުމެ ނިމުނުތާ ބައި ގަޑިއިރެއް ފަހުން ބޮމް ހަމަލާ ދިން ކަމަށް އެ މީހުން ބުނެފައި ވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ މިއީ އާންމުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއް ކަމަށާއި، ޣައްޒާ ސިޓީން މީހުން ވަކިކުރުވައި ބިރުދެއްކުމަށް އިޒްރޭލުން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އެ އޭޖެންސީން ހާމަކުރި ގޮތުގައި އިއްޔެ އެކަނި ޣައްޒާ ސިޓީން 19 މީހަކު ޝަހީދުވެފައިވާއިރު، މުޅި ޣައްޒާ ސަރަހައްދުން މަދުވެގެން 42 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުގެ އެތެރެއިންނާއި ބޭރުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލުންތައް އިތުރުވަމުން ދިޔަ ނަމަވެސް، އިޒްރޭލުގެ ސިފައިން ވަނީ އިތުރު ރިޒާވް ސިފައިން ވެސް ގެނެސް ހަމަލާތައް ތީވްރުކޮށްފަ އެވެ. ޣައްޒާއަށް އިޒްރޭލުން ހަމަލާ ދޭތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު، މިހާތަނަށް 65،000އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ އެވެ.
ކޮމެންޓު ފޮނުވާ