މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރު ކުރީގެ އަހަރުތަކާ އަޅާބަލާއިރު މަދުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އަންދާޒާކޮށްފިއެވެ. މެޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މި މަހު ރާއްޖޭގެ ސަރަހައްދުތަކަށް ވާރޭ ވެހުމާއި ފިނިހޫނުމިނުގެ ހާލަތު އާދަޔާ ހިލާފަށް ބަދަލުވާނެ ކަމަށެވެ.
1991 އިން 2020 އާ ދެމެދުގެ 30 އަހަރުގެ މޫސުމީ ރެކޯޑުތަކަށް ބަލައިގެން މެޓް އޮފީހުން ކުރި ދިރާސާއިން ދައްކާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގައި ފިނިހޫނުމިން އާންމު ގޮތެއްގައި ހުންނާނެ އިރު، ދެކުނުގެ އަތޮޅުތަކުގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވެގެން ދާނެއެވެ. ވާރޭ ވެހުމުގެ ގޮތުން ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމު އަހަރުތަކުގައި ވެހޭ މިންވަރަށް ވުރެ މަދުން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ރެކޯޑުތަކަށް ބަލާއިރު ވެސް، އުތުރުގެ އަތޮޅުތައް ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް ވާރޭ ވެހުނު މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ފާހަގަކުރެވެއެވެ. ޚާއްސަ ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހުނު މިންވަރު އެންމެ ބޮޑަށް މަދުވެފައިވާ ކަން މެޓް އޮފީހުގެ ތަފާސްހިސާބުތަކުން އެނގެއެވެ.
މޫސުމާ ބެހޭ އިދާރާއިން މިފަދަ އަންދާޒާތައް ނެރެނީ ދިގު މުއްދަތުގެ މޫސުމީ ރެކޯޑުތަކާއި، ކަރަންޓް މޫސުމީ ހާލަތުތަކަށް ބަލައިގެން ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ. މި މަޢުލޫމާތަކީ ދަނޑުވެރިކަމާއި، މަސްވެރިކަމާއި އަދި އެހެނިހެން ދާއިރާތަކަށް މުހިންމު މަޢުލޫމާތެއް ކަމުގައި ވާތީ، ކަމާ ގުޅޭ ފަރާތްތަކުން މި މަޢުލޫމާތަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ