ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2025 09:34
0

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމުގެ ލަފާގެ މަތިން މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ނިޔަލަށެވެ.

ހުދު ސަމާލުގައި ފާހަގަކޮށްފައިވާ ގޮތުން، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތުމާއެކު ގުގުރުމުގެ އިހްތިމާލު ބޮޑެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށްވުރެ ބާރަށް ވައި ޖެހުމުގެ ފުރުސަތު އޮތްކަން މެޓްއިން ފާހަގަކޮށްފައިވެއެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރުފަހު 14:00 ގައެވެ.

މިއަދުގެ މޫސުމަށް ލަފާކުރާގޮތުން، ދެކުނުގެ އެކި ސަރަހައްދުތަކަށް ވާރޭވެހި، ގުގުރާނެއެވެ. ބައެއް ރަށްރަށަށް ވަރަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް މެޓްއިން ވިދާޅުވިއެވެ. މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުތައް ފޯރައިފާނެ ކަމަށް ލަފާކުރާއިރު، އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓްއިން ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ އިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް އާންމުކޮށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މޫސުން ގޯސްވެފައިވާ މި ހާލަތުގައި، ކަނޑުދަތުރުތައް ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓްއިން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.