ފަޔާ ޓްރަކެއް ހަލާކުވެގެން ބަންދުކުރަން ޖެހުނު ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވާ ދަތުރުތައް އާންމު ހާލަތަށް ގެނެސްފި

ފަޔާ ޓްރަކެއް ހަލާކުވެގެން ބަންދުކުރަން ޖެހުނު ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވާ ދަތުރުތައް އާންމު ހާލަތަށް ގެނެސްފި

Author
ހުސެއިން
03 ސެޕްޓެމްބަރ 2025 09:33
0

ފަޔާ ޓްރަކް ހަލާކުވެގެން އިއްޔެ ބަންދުކުރަން ޖެހުނު ފުވައްމުލަކު އެއާޕޯޓު މިއަދު އަލުން ހުޅުވައިލައި، ފްލައިޓު ދަތުރުތައް އާންމު ގޮތެއްގައި ފަށައިފިއެވެ.

އެއާޕޯޓުގައި ބޭނުންކުރަމުން އައި އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް، ޓްރަކް ބޭނުން ނުކުރެވޭ ހާލަތަށް އައުމުން އިއްޔެ ވަނީ އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިންކަމަށްވާ މޯލްޑިވިއަންގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑައިލާފައެވެ. މި ހާދިސާގެ ސަބަބުން ގިނަ ދަތުރުވެރިންނަށް ފުވައްމުލަކަށް ނާދެވި އަދި ފުވައްމުލަކުން ނުދެވި މަޑުކުރަންޖެހުނު ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

އިއްޔެ ހަވީރު އައްޑޫ ސިޓީން އިތުރު ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފެށުމުން، މިއަދު ހެނދުނު ވަނީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފައެވެ. އެއާޕޯޓުގެ މަސައްކަތްތައް މިހާރު ކުރިއެކޭ އެއްގޮތަށް ރަނގަޅަށް ހިނގަމުން އަންނަ ކަމަށާއި، ފްލައިޓު ދަތުރުތައް މިއަދުން ފެށިގެން އާންމުކޮށް ކުރިއަށް ގެންދާނެ ކަމަށް އެއާޕޯޓުން މައުލޫމާތު ދީފައިވެއެވެ.

އިއްޔެ ދަތުރުނުކުރެވުނު ފަސިންޖަރުންނަށް އާރްޓީއެލް ފެރީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންދިއުމަށްފަހު، ގަން އެއާޕޯޓު މެދުވެރިކޮށް މާލެ ފުރުމުގެ ޚާއްސަ އިންތިޒާމުތައް ހަމަޖެއްސި ކަމަށް ވެސް އެނގިފައިވެއެވެ. މި ހާދިސާގެ ސަބަބުން ޚާއްސަކޮށް ފަތުރުވެރިންގެ ދަތުރުތަކަށް ނުހަނު ދަތިތަކެއް ކުރިމަތިވި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އެރި ހާދިސާތައް ހިނގާފައިވާތީ، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުނުވާނެ ދާއިމީ ހައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. ފުވައްމުލަކަކީ ގުޅިފައިވާ ރަށަކަށް ނުވާތީ، އެއާޕޯޓަކީ އެ ސިޓީއަށް ދަތުރުކުރާ މައިގަނޑު މަގު ކަމުން، އެއާޕޯޓުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މުހިންމުކަން އިތުރަށް ބޮޑުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.