ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިސްރާއީލުގެ ހަމަލާތައް ފެށުނީއްސުރެ ބަނޑުހައިހޫނުކަމުގެ ސަބަބުން އެންމެ ގިނަ ފަލަސްތީނީންނެއް މަރުވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 12 ކުޑަކުދިން ހިމެނޭގޮތުން 185 މީހުން ބަނޑުހައިހޫނުކަމުން ޝަހީދުވިއެވެ.
އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އެ ވުޒާރާއިން ބުނީ، ޝަހީދުވި 185 މީހުންގެ ތެރެއިން 70 މީހުން މަރުވީ، އދ.ގެ އެހީގައި ހިންގާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ޣައްޒާއަކީ ބަނޑުހައިހޫނުކަމުގެ ހާލަތުގައިވާ ސަރަހައްދެއް ކަމަށް ރަސްމީކޮށް އިއުލާންކުރިފަހުން ކަމަށެވެ.
ޣައްޒާގައި މިވަގުތު އުމުރުން 5 އަހަރުން ދަށުގެ 43,000 އަށްވުރެ ގިނަ ކުދިންނާއި، މާބަނޑު މީހުންނާއި ކިރުދޭ މައިންނާއި ގުޅޭގޮތުން 55,000 އަންހެނުން ނުކައިތިބުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ. މާބަނޑު އަންހެނުންގެ 67 ޕަސަންޓު ދަނީ ލޭމަދުވުމުގެ ބަލިޖެހިގެން ކަމަށާއި، މިއީ ފާއިތުވި އަހަރުތަކުގައި ނޯޓްކުރެވުނު އެންމެ މަތީ އަދަދު ކަމަށް ފާހަގަކުރެވެއެވެ.
ކާނާއާއި ބޭހުގެ އެހީތެރިކަން އަވަހަށް ފޯރުކޮށްނުދެވިއްޖެނަމަ، ވަރަށް ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ސިއްހަތާބެހޭ ވުޒާރާއިން ދީފައިވެއެވެ. ބަނޑުހައިހޫނުކަމާ ގުޅިގެން މަރުވާ މީހުންގެ ޢަދަދު ވަރަށް އަވަސް ސްޕީޑެއްގައި އިތުރުވަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 63,500 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށްފައިވެއެވެ. އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ނަތީޖާއެއްގޮތުން ޣައްޒާގެ ބޮޑުބައެއް ވަނީ ވީރާނާވެ، މުޅި ސަރަހައްދު މިހާރު އޮތީ ބަނޑުހައިހޫނުކަމުގެ ހާލަތުގައެވެ.
ފާއިތުވި ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ދަޢުވާއެއް ވެސް ހިނގަމުންދެއެވެ.
ކޮމެންޓު ފޮނުވާ