މީޑިއާ ބިލް ދިރާސާކުރަން 4 މަސްދުވަހުގެ މުހުލަތަކަށް އެމްޖޭއޭއިން އެދިއްޖެ

މީޑިއާ ބިލް ދިރާސާކުރަން 4 މަސްދުވަހުގެ މުހުލަތަކަށް އެމްޖޭއޭއިން އެދިއްޖެ

Author
ހުސައިން
02 ސެޕްޓެމްބަރ 2025 09:58
0

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދާ މީޑިއާ ކޮންޓްރޯލް ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަދުވެގެން ހަތަރު މަސްދުވަހުގެ މުހުލަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެއެވެ.

ކޮމިޓީން ބޭއްވި ބައްދަލުވުމުގައި 20 އަށްވުރެ ގިނަ މީޑިއާތަކުގެ ނޫސްވެރިން ބައިވެރިވެ، ހަތަރު ގަޑިއިރު ވަންދެން އެ ބިލާ ދެކޮޅަށް ޚިޔާލުފާޅުކޮށްފައިވެއެވެ. ނޫސްވެރިން ފާހަގަކުރީ މި ބިލުގައި ހުރި މައްސަލަތަކާއި، އެ ބިލް މިވަގުތު ކުރިއަށް ނުގެންދިއުމަށް ހުރި ސަބަބުތަކެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް އެމްޖޭއޭގެ އެގްޒެކެޓިވް ސެކްރެޓަރީ މުހައްމަދު ޖުނައިދު ސަލީމް ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މި ގާނޫނު އަވަސް އަރުވާލައިގެން ފާސްނުކުރުމަށް އެދިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މިކަން އެހާ އަވަހަށް ކުރަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ނޫސްވެރިން ގަބޫލުކުރާ ކަމަށެވެ.

ޖުނައިދު ވިދާޅުވީ މީޑިއާތަކުން އުޅެނީ މީޑިއާ ރެގިއުލޭޓް ކުރުމާ ދެކޮޅުވެގެން ނޫންކަމަށާއި، ދެކޮޅުވަނީ އެކަން ކުރަން އުޅޭ ގޮތާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ބިލް އެކުލަވާލިއިރު ނޫސްވެރިންގެ އެއްވެސް މަޝްވަރާއެއް ހޯދާފައި ނުވާކަމާއި، އެމްޖޭއޭން ބޭނުންވަނީ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މަޝްވަރާގެ އުސޫލުން ކަންކަން ރަނގަޅުކޮށް ކުރިއަށް ގެންދަން ކަމަށެވެ.

އެމްޖޭއޭން ކޮމިޓީއަށް ފޮނުވި ސިޓީގައި އެދިފައިވަނީ މަދުވެގެން ހަތަރު މަސްދުވަހުގެ މުހުލަތެއް ދީ، މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހަދައި، ހުށަހެޅިފައިވާ ބިލުގެ އެނަލިސިސްއަކާއެކު ރެކޮމެންޑޭޝަންތަކެއް ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. ޖުނައިދު ވިދާޅުވީ ކޮމިޓީން އެ ފުރުސަތު ދޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ނޫސްވެރިންގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ ބޭފުޅެއްކަމުގައިވާ އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މިވަގުތު ހުރި މީޑިއާތައް ބެލެހެއްޓުމާ ގުޅޭ މުއައްސަސާތަކާއި މީޑިއާތަކާއި ނޫސްވެރިން އެ ބިލާ ދެކޮޅުކަން ހާމަކޮށްފައި ވަނިކޮށް، ކޮމިޓީން އެ ބިލް ކުރިއަށް ގެންގޮސް މަޖިލީހުން ފާސްކޮށްފިނަމަ، އެކަމާ ދެކޮޅަށް ހިންގާ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްޖޭއޭގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ޒާހިރު ވިދާޅުވީ ނޫސްވެރިން މިކަމުގައި ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، ކޮމިޓީގައި މަޝްވަރާކޮށް، މަގުމަތިން ވެސް އަޑު އިއްވާފައިވާ ކަމަށާއި، މިކަމާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.