އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތްކަމަށާއި ފެންނަ ކޮންމެ ދިމާލަކުން ފެންނަމުންދަނީ ލޫޓުވާލަމުންދާ ތަން ކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން ފާސްކޮށްފައެވެ. "ސަރުކާރު ހަމަ މަގަށް އެޅުވެންދެން" މި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ.
މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ ގަރާރުގައި ވަރަށް ސާފުކޮށް މިއަދުގެ ގައުމުގެ ހާލަތު ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ދާއިރާއެއްނެތި ރައްޔިތުން ނިކަމެތިވެފައިވާ ކަމަށެވެ.
ސޯލިހް ވިދާޅުވީ، މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެމްޑީޕީގެ ފަރާތުން ރައްޔިތުން ކުރާ އުންމީދެއް އޮތްކަމަށާއި، މި ސަރުކާރަށް މިވީ މުއްދަތުގައި ރާއްޖޭގެ ހާލަތާމެދު ކަންބޮޑުނުވާ އެއްވެސް މީހަކު ނެތްކަމަށެވެ. ބޭރު ގައުމުތަކުގައި ތަކެތީގެ އަގު މައްޗަށް ނުދާ ދަނޑިވަޅެއްގައި ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވާހަކަދައްކަވައި، މިކަންކަމުގައި ސަރުކާރުން އެދެވޭ ޖަވާބުތަކެއްވެސް ނުދެއްވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީޑިއާގެ މިނިވަންކަން ނަގާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާމެދުވެސް ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސަރުކާރުން މަަސައްކަތް ކުރަނީ ސީދާ މިނިވަން ނޫސްވެރިކަން މަރާލަން ކަމަށާއި، މީޑިއާތައް "މާރާލަންވީގޮތް" ވެސް ބައެއް މެމްބަރުން ވިދާޅުވެދެއްވަމުންދާކަން ފާހަގަކުރެއްވިއެވެ.
ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީން އިސްވެ ނުކުންނަންޖެހޭކަމަށާއި، ޕާޓީގެ ހުރިހާ މެމްބަރުންގެ ކިބައިން ހުށަހަޅާފައިވާ ގަރާރާ އެއްގޮތަށް ފަހަތަށް ނުޖެހި ނިކުމެވަޑައިގެން މިކަމުގައި ކުރިއަށް ވަޑައިގަންނަވާށޭ ސޯލިހް އެދެވުން ފާޅުކުރެއްވިއެވެ.
ގަރާރަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ މި ސަރުކާރުން ރާއްޖެ "ލޫޓުވާލާފައިވާ ތަން" ކަމަށެވެ. އެގޮތުން ވިދާޅުވީ، ރައްޔިތުންގެ އަޑުއިއްވަން މަޖިލީހަށް ފޮނުވާފައިވާ މަޖިލިސް މެމްބަރުންގެ އަޑު، އަދުލު އިންސާފުގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އުންމީދާއި ޔަގީންކަން، ދައުލަތުގެ ހަޒާނާ، ލާމަރުކަޒީ ނިޒާމު، މީޑިއާތައް، ރައްޔިތުންގެ ތަރައްގީއަށް ކުރާ އުންމީދުތައް ހުރިހާ އެއްޗެހި ލޫޓުވާލައިފައިވާކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް. މި ގަރާރާ އެއްގޮތަށް އަޅުގަނޑުމެން މިރޭ އަތުގުޅާލާނީ ރާއްޖެ ހަލާކުގެ މަގަށްގޮސް ބަރުބާދުވިޔަ ނުދިނުމަށް ހިތްއެދޭ ހިތްވަރުހުރި ހުރިހާ އަބުތޯލުންނަށް ކުލައަކަށް އެހެން އެއްޗަކަށް ބަލާނެ ކަމެއްނެތޭ ނިކުމެވަޑައިގަންނަވާށޭ" ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީން އަބަދުވެސް އިސްނަގައިގެން މި ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް، ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމުގައި ސާބިތުވެތިބުމަށް 3 އޮކްޓޫބަރުގައި ސާބިތުކޮށްދޭނާން ވާހަކަދައްކަވަށެވެ.
ކޮމެންޓު ފޮނުވާ