ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކުރެވުނު އަޙުމަދު މުއާޒް (ގަޓު މުއާޒް) ގެ ފަރާތުން މަރު ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ބަދަލު ހޯދުމުގެ މައްސަލައިގެ އިސްތިއުނާފު އަންނަ ހޯމަ ދުވަހު ހައިކޯޓުގައި ފެށުމަށް ހަމަޖެހިފައިވެއެވެ.
މުއާޒްގެ ފަރާތުން ހައިކޯޓަށް މި މައްސަލަ ހުށަހެޅީ، ސިވިލް ކޯޓުން އޭނާގެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމާ ގުޅިގެންނެވެ. މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން މުއާޒް، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު) އަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލީ، މަދަނީ މިންގަނޑުން ބަލާއިރު ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ. މި ދައުވާތަކާ ގުޅިގެން މުއާޒް ދިގު މުއްދަތަކަށް ހައްޔަރުކޮށް ބަންދުގައި ބޭތިއްބިއެވެ.
މުއާޒްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، މަރު ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގި ތަހުގީގަކަށްފަހު، އެއްވެސް އަސާސެއް ނެތި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށެވެ. ޖަލުގައި އެކަހެރިކޮށް ބަހައްޓާފައިވުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.45 މިލިއަން ރުފިޔާއާއި، ޤާނޫނާ ޚިލާފަށް ބަންދުކުރުމުން ތައުދީބީ އަދަބެއްގެ ގޮތުގައި 500،000 ރުފިޔާ އޭނާ އެދުނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި، މަރު ކޮމިޝަނާއި، ކޮމިޝަނުގެ މެމްބަރުން ކަމުގައިވާ ފަރީޝާ އަބްދުﷲ، މިސްބާޙް އައްބާސް އަދި އަހުމަދު ނާޝިދުގެ ކިބައިން ހޯދުމަށެވެ.
މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ކޯޓުގެ އިޙުތިސާސާމެދު ސުވާލު އުފައްދައި އިއުތިރާޒެއް ހުށަހެޅިއެވެ. އެ ފަރާތްތަކުން ބުނީ، ދައުވާ ރައްދުކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާނަމަ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށެވެ. މި ނުކުތާ ސާބިތުކުރުމަށް ޤާނޫނީ މާއްދާތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައްވެސް ދައުލަތުން ހުށަހެޅިއެވެ.
ހައިކޯޓުގައި މި މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ