މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނޫސްވެރިން އެކްރެޑިޓްކުރުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައިފި އެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމުގެ ދާއިރާގެ ފެންވަރު މަތިކޮށް، ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ކަނޑައެޅުމެވެ.
އާ އުސޫލުގެ ދަށުން "ޕްރެސް ފާސް" ލިބޭނީ އެޑިޓަރުން، ރިޕޯޓަރުން، ޖާނަލިސްޓުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ކޮލަމިސްޓުން، ފޮޓޯ ޖާނަލިސްޓުން، ފޮޓޯގްރާފަރުން، ވީޑިއޯ ޖާނަލިސްޓުން އަދި ވީޑިއޯގްރާފަރުންނަށެވެ.
އެކްރެޑިޓްކުރެވޭނީ ބްރޯޑްކާސްޓިން ނުވަތަ ކޮމިއުނިކޭޝަން ދާއިރާ އިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެކްރެޑިޓްކުރަން އެދޭ ފަރާތަކީ ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އެކްރެޑިޓް ކާޑު ދޫކުރުމުގެ ކުރިން ނޫސްވެރިން ފުރިހަމަކުރަންޖެހޭ ތަމްރީނުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް، ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް، އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް، ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް، މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން އަދި އިންތިހާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.
ބްރޯޑްކޮމުން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލަށް އަމަލުކުރަން ފަށާނީ އުސޫލު ޝާއިއުކުރާތާ 6 މަސްދުވަސް ފަހުންނެވެ. މި އުސޫލު އެކުލަވާލުމުން ނޫސްވެރިކަމުގެ ދާއިރާގެ ފެންވަރު މަތިވެ، ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރުމަށް މަގުފަހިވާނެ ކަމަށް ބްރޯޑްކޮމުން އުންމީދުކުރެ އެވެ.
ކޮމެންޓު ފޮނުވާ