މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ އެއްވެސް ދިރާސާއަކާއި މަޝްވަރާއަކާ ނުލައި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށާއި، އެ ބިލުގައިވާ ކަންކަން ތަންފީޒުކުރުމަކީ ދަތިކަމެއް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން ކަމަށް ބުނެފައިވީ ނަމަވެސް، ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ މި ބިލު އެކުލަވާލުމުގައި އެކަށީގެންވާ ދިރާސާއެއް ނުކުރާކަމެވެ.
ސަފާ ވިދާޅުވި ގޮތުގައި މީޑިއާތައް ރެގިއުލޭޓުކުރާ ގާނޫނެއް އެކުލަވާލާއިރު ގައުމީ ފެންވަރުގެ ދިރާސާއެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ނަމަވެސް، މި ބިލު ތައްޔާރުކުރުމުގައި ބްރޯޑްކޮމްއާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ. "އަޅުގަނޑުމެންނަކީ އެއް ރެގިއުލޭޓަރީ ބޮޑީ، އަޅުގަނޑުމެންނާ ހަމަ ގައިމުވެސް ކޮންސަލްޓެއް ނުކުރައްވާ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ކަހަލަ ނޭޝަންވައިޑް ރީސާޗެއް ނޫނީ ސްޓޭކް ހޯލްޑާސްއާ އެއްވެސް ވަރަކަށް ބައްދަލު ކުރި ހެނެއް" އޭނާ ވިދާޅުވިއެވެ.
ބިލުގައި ހިމެނިފައިވާ ގިނަ ކަންކަމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގައި ވެސް ހުރި ކަންކަން ކަމަށާއި، މިހާރުގެ ގާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އާ ގާނޫނަށް ވެސް ކުރިމަތިވާނެ ކަމަށް ބްރޯޑްކޮމްގެ ރައީސް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ވެސް ނެތް ކަން އެތައް ފަހަރަކު މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު އެނގޭނެ އަޅުގަނޑުމެންނަށް މިހާރު ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، އަޅުގަނޑުމެންނަށް ބައެއް މަސައްކަތްތައް ލަސްވެގެން ދަނީ ނުކުރެވިގެން ދަނީ ކޮން ސަބަބުތަކަށްޓަކައިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ، އިމްޕްލިމެންޓު ކުރަން ތިބި ބަޔަކަށް އެނގޭނީ މިކަން ނުކުރެވޭ ސަބަބަކީ ކޮބައިކަން" ސަފާ ވިދާޅުވިއެވެ.
ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ބިލުގައިވާ ކަންކަން ފުށުއަރާ މިންވަރު ބަލައި ދިރާސާކުރަންޖެހޭ ކަމަށާއި، މިފަދަ ކަންކަމަކީ ދެތިން ދުވަހެއްގެ ތެރޭގައި ނިންމޭނެ ކަންކަމެއް ނޫން ކަމަށް ވެސް ބްރޯޑްކޮމްގެ ރައީސް ވިދާޅުވިއެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ކޮމިޝަންގެ އެހެން މެންބަރުން ވެސް ރައީސްގެ ވާހަކަފުޅަށް ތާއީދުކުރައްވައި، އެކަށީގެންވާ ދިރާސާއަކާއި މަޝްވަރާއަކާ ނުލައި ގެނައި ބިލަކުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމާ މެދު ސުވާލު އުފެއްދެވިއެވެ.
ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފައިވާއިރު، ބިލު އާންމުންގެ ހިޔާލަށް ހުޅުވާލައި، ބްރޯޑްކޮމްގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ބައެއް މީޑިއާތަކުގެ ހިޔާލު ހޯދުމަށް ކޮމިޓީން ނިންމައިފައިވެއެވެ. އެކަމަކު ނޫސްވެރިން ބޭނުންވަނީ މި ބިލު މަޖިލީހުން ބޭރުކޮށްލައި، ނޫސްވެރިންނާ މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.
ކޮމެންޓު ފޮނުވާ