އެމްޔޫ މަނިކު ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތާއީދު ކުރައްވައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި: އެމްޑީޕީ

އެމްޔޫ މަނިކު ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތާއީދު ކުރައްވައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި: އެމްޑީޕީ

Author
އަހުމަދު
30 އޮގަސްޓް 2025 08:12
0

އެމްޔޫ މަނިކު ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތާއީދު ކުރައްވައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވިކަމަށާއި، މިއަދު އަވަހާރަވި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ ދުނިޔެއަށް ރާއްޖެ ހުޅުވައިލި، މި ގައުމަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުން ނަފާ ހޯދޭނެކަން ސާބިތު ކޮށްދެއްވި ވިޝަނަރީ ލީޑަރެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މަނިކު އަވަހާރަވުމާ ގުޅިގެން ނެރުނު ތައުޒިޔާގެ ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ، ރާއްޖޭގެ މުޅި ތާރީހު ބަދަލުކޮށްލައްވައި، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެއްދެވުމުގެ އެއްބާނީކަމަށްވާ ނިޝާން މުލީއާގެ ޝަރަފްގެ އިއްޒަތުގެ ވެރިޔާ، މުހައްމަދު އުމަރު މަނިކު އަވަހާރަވުމުގެ ފުން ހިތާމާގައި ބައިވެރިވެ އާއިލާއަށް އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

އެމްޔޫ މަނިކަކީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވައިލި، މި ގައުމަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުން ނަފާ ހޯދޭނެކަން ސާބިތު ކޮށްދެއްވި ވިޝަނަރީ ލީޑަރެއް ކަމަށާއި، ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެންދިޔައީ އެ މަނިކުފާނާއި މަދު ބޭފުޅުންތަކެއް އިސްވެ ފެއްޓެވި މަސައްކަތުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

"ފާއިތުވި ބައި ގަރުނުގައި ރާއްޖޭގެ އިގުތިސާދަށް އައި ހަލުވި ކުރިއެރުމުގެ އަސްލަކީ އެ މަސައްކަތެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް އިސްލާހީ ހަރަކާތަށް ތާއީދު ކުރައްވައި އެ ހަރަކާތަށް އެކި ގޮތްގޮތުން އެމަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެމްޔޫ މަނިކުގެ ގައުމީ ހިދުމަތް ދިވެހި ތާރީހުގައި ފަވާލެވޭނީ ރަން އަކުރުންނެވެ." އެމްޑީޕީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.