ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ މުޙައްމަދު ޢުމަރު މަނިކުގެ އަވަހާރަ ވުމާއު ގުޅިގެން ކުރީގެ ރައީސް ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ މުޙައްމަދު ޢުމަރު މަނިކުގެ އަވަހާރަ ވުމާއު ގުޅިގެން ކުރީގެ ރައީސް ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
30 އޮގަސްޓް 2025 12:56
0

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީއެއް ކަމުގައިވާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުން ހިތާމަ ފާޅުކުރައްވައި، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓާ) ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް، މި މުހިންމު ސިނާއަތު ކުރިއެރުވުމަށް އެތައް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި މުޙައްމަދު ޢުމަރު މަނިކުގެ އަވަހާރަވުމުގެ ޚަބަރު އެހުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. މަރްޙޫމްގެ ފުރާނަފުޅު ﷲ ސުބްޙާނަހޫ ވަތައާލާ ޖަންނަތުލް ފިރުދައުސްގައި ލައްވައި، އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަމުގެ މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްގެ ވެރިޔާ އަދި ދިވެހި ފަތުރުވެރިކަމުގެ ތަރައްޤީއަށް އެންމެ ބޮޑު އެއް ހިއްސާ އެރުވި ބޭފުޅުންގެ ތެރެއިން އެކަކު ކަމުގައިވާ އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް، ސިއްޙީ ޙާލަތު ދަށްވެގެންނެވެ. އާލާސްކަންފުޅާ އުޅުއްވާތާ މުއްދަތެއް ވެފައިވާ އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައެވެ.

1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު، މި ސިނާއަތު ބިނާކުރުމުގައި އެންމެ ކުރިއަށް ތިއްބެވި ބޭފުޅުންގެ ތެރޭގައި އެމްޔޫ މަނިކު ހިމެނިވަޑައިގަންނަވައެވެ. ދައުލަތުގެ އެކި އިސް މަގާމުތައް ފުރުއްވި ނަމަވެސް، އުމުރުފުޅުގެ ގިނަ ބައެއް ހޭދަކުރެއްވީ އަމިއްލަ ވިޔަފާރި ކުރިއަރުވައި، ރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް ޚިދުމަތްކުރެއްވުމުގައެވެ. އެންމެފަހުން ދައުލަތުގެ ފަރާތުން އަދާކުރެއްވި ރަސްމީ މަގާމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަސްއޫލިއްޔަތެވެ.

މުޙައްމަދު ޢުމަރު މަނިކުގެ ވަފާތަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ އިގްތިޞާދަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ގިނަ ފަރާތްތަކުން ފާހަގަކުރައްވައި، އެމަނިކުފާނުގެ ޚިދުމަތްތަކަށް އިޙްތިރާމް އަދާކުރައްވަމުން ގެންދަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.