އެމްޔޫ މަނިކަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި، ނަމޫނާ ވިޔަފާރިވެރިއެއް: ގާސިމް

އެމްޔޫ މަނިކަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި، ނަމޫނާ ވިޔަފާރިވެރިއެއް: ގާސިމް

Author
ހުސައިން
30 އޮގަސްޓް 2025 12:52
0

ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލަތު ދެރަވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އެމަނިކުފާނު އަވަހާރަވީ އެ ގައުމުގެ ގަޑިން ހެނދުނު 6:30 ގައެވެ.

އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ދިވެހި ދައުލަތަށް 19 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އެމްޔޫ މަނިކުގެ އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، އެމްޔޫ މަނިކަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި، ނަމޫނާ ވިޔަފާރިވެރިއެއްގެ އިތުރުން، ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، އެމަނިކުފާނާ ގާތުން މަސައްކަތް ކުރެއްވި އެކުވެރިއެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސާދު ފަގީރު ހާލަތެއްގައި އޮތް ދުވަސްވަރު، ޓޫރިޒަމް ސިނާއަތުގެ މުހިންމުކަން ދިވެހިންނަށް ވިސްނަވައިދެއްވައި، އެ ސިނާއަތު އެކި މަރުހަލާތަކުގައި ތަރައްގީ ކުރުމުގައި އެމްޔޫ މަނިކު އަދާކުރެއްވި ދައުރު ވަނީ ފާހަގަކުރެވިފައެވެ. ޓޫރިޒަމް ދާއިރާއަށް ޒުވާނުން ތަމްރީނުކޮށް ނެރުމާއި، އެކި ދާއިރާތަކުން އަމިއްލަ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ރިސޯޓު ވިޔަފާރީގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގެވުމުގައި އެމްޔޫ މަނިކުގެ ހިންމަތާއި ތަޖުރިބާ ސިނާއަތުގެ ފަރާތްތަކުން ވަނީ އަގުވަޒަންކޮށްފައެވެ. އެމަނިކުފާނުގެ ހިދުމަތްތައް ފާހަގަކޮށް، ސަރުކާރުން 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތް އަރުވާފައިވާ އިރު، 1982 ވަނަ އަހަރު ހިތްވަރުދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމުގެ ރަތްޖުބިލީ ފާހަގަކުރުމުގެ ގޮތުން ދެވުނު ހިދުމަތުގެ އިނާމާއި، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެމްޔޫ މަނިކުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޣައިބަށް ކުރާ ކަށުނަމާދު މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.