މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަލީ ރިފްޝާނަށް އިންޒާރުގެ މެސެޖެއް ފޮނުވައިފިއެވެ. މި މެސެޖް ފޮނުވާފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިންގާ އެކައުންޓަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިވަގުތު ވާ މީޑިއާ ރެގިއުލޭޝަން ބިލުގައި މިނިވަން ނޫސްވެރިކަމަށް ނުރައްކާވާ ކަންކަން ހުރިކަމަށް ބުނެ، އެމްޖޭއޭއިން ވަނީ އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލައި މުޒާހަރާއެއް ބާއްވައި، ޕެޓިޝަނެއް ހުށަހަޅައިފައެވެ. މީގެ އިތުރުން އެމްޖޭއޭއިން ވަނީ މި ބިލާ ގުޅޭ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާވެސް ހިއްސާކޮށްފައެވެ.
އެމްޖޭއޭއާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނިކޮށް، މީޑިއާ ފެންޑާގައި މުޒާހަރާކުރަމުންދިޔަ ނޫސްވެރިން ވަނީ ރައީސްގެ ފަހަތްޕުޅުން ގޮސް ބިލު ބޭރުކުރުމަށް ގޮވާލައިފައެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ބުނެފައިވާ ވާހަކައާ ގުޅޭގޮތުން ވެސް ވަނީ ރައީސްއާ ސުވާލުކޮށްފައެވެ.
ނޫސްވެރިން ރައީސްގެ ފަހަތްޕުޅުން ދިޔަ މަންޒަރު ފެނުމާ ގުޅިގެން އެކްސްގައި ހިންގާ އެކައުންޓަކުން ރިފްޝާނަށް ފޮނުވި މެސެޖުގައި ވަނީ ރައީސްގެ ފަހަތުން ނޫސްވެރިން ދުވުން ހުއްޓާލުމަށް އިންޒާރު ދީފައެވެ. މެސެޖުގައި ރައީސްގެ ގައިގައި އިނގިލި ޖެއްސިޔަސް ނުދޭނެކަމާއި، ބިލަށްވުރެ ގޯސް މަންޒަރު ފެންނާނެކަމުގެ ބިރުދެއްކުން ހިމެނެއެވެ. އަދި ރައީސްގެ ސަޕޯޓަރުން ރިފްޝާނުގެ ފަހަތުން ދުވާނެކަމާއި، މަގާމުން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.
މެސެޖުގައި އިތުރަށް ބުނެފައިވަނީ މީޑިއާ ބިލް މިހާރު އޮތްގޮތަށް ފާސްކޮށް، މީޑިއާ ކޮންޓްރޯލް ކުރާނެކަމާއި، އެކަން ވަރަށް އަވަހަށް ފެންނާނެކަމަށެވެ. މި ނުރައްކާތެރި މެސެޖް ފޮނުވި އެކައުންޓް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް އެމްޖޭއޭއިން ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ ހަރަކާތްތަކާ ގުޅިގެން މިފަދަ އިންޒާރުތައް ލިބުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވާ ނުރައްކަލެއްކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ