ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ

Author
ޙަސަން މުޙައްމަދު
30 އޮގަސްޓް 2025 07:31
0

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އިސްކޮށް މަސައްކަތްކުރެއްވި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްއިން ނެރުއްވި ބަޔާނަކުން ވިދާޅުވީ، އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ސިންގަޕޫރު ގަޑިން މިއަދު ހެނދުނު 6:30 ގައި ކަމަށެވެ. އެމަނިކުފާނު އަވަހާރަވީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދެރަވެ، ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.

މުހައްމަދު އުމަރު މަނިކަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް އުފެދި، ކުރިއަރަމުން އައި ދުވަސްވަރު، އެ ދާއިރާ ބިނާކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިވާ ފެންވަރަށް ތަރައްޤީވުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އުމަރު މަނިކު ކޮށްދެއްވި ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް، ސަރުކާރުން ވަނީ އެމަނިކުފާނަށް އެކި ފަހަރުމަތިން ޝަރަފުވެރި އިނާމުތައް ދެއްވާފައެވެ. 1982 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އަންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، 2002 ވަނަ އަހަރު އެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން މިނިވަން 25ގެ ޢާންމު ހިދުމަތުގެ އިނާމުވެސް އުމަރު މަނިކަށް ލިބިވަޑައިގެންފައިވެއެވެ.

އުމަރު މަނިކުގެ އަވަހާރަވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް އުމުރުފުޅުގެ ބޮޑުބައެއް ހޭދަކުރެއްވި، ދިވެހި ޤައުމަށް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.