ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރަން 44.68 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރަން 44.68 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

Author
ޙަސަން މުޙައްމަދު
26 އޮގަސްޓް 2025 09:29
0

ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 44.68 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓުގެ ބައެއް ވަޒީރުން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނޮޅިވަރަންފަރަށް ވަޑައިގަތުމަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

380 ދުވަހުގެ މުއްދަތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 64،992.47 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 189 މީޓަރުގެ ބޮޑުހިލައިގެ ބޭރު ޓޮއްޓެއް ލުމާއި، 161 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުން ވެސް ހިމެނެއެވެ.

އަދި 65 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓް މަސައްކަތް ކުރުމާއި، ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫއަކީ ނޮޅިވަރަންފަރު ބަނދަރުގެ ޚިދުމަތް ފުޅާކޮށް، ރަށުގެ އިގްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.