މިދިޔަ ހަފްތާގައި ދެވަނަ ދައުރު ނިންމާލައި ޗުއްޓީއަށް ދިޔަ ރައްޔިތުންގެ މަޖިލީހުން މި މަހުގެ 27 އާއި 28 ވަނަ ދުވަހު ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް މަޝްވަރާކުރަމުންދާކަމަށް މަޖިލީހުގެ މެންބަރުން މައުލޫމާތު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ގަވާއިދުން ނިމެންޖެހޭ އޮގަސްޓު 15 ގައި ނުނިމި، އިތުރު ހަފްތާއަކަށް ދިގުދަންމާލުމަށްފަހު މިދިޔަ ހޯމަ ދުވަހު ކުއްލިއަކަށް ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ފޮނުވާލާފައިވަނިކޮށް، އަލުން ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ތައްޔާރުވާ ކަމުގެ ޚަބަރު ފެތުރެމުންދާއިރު، އަދި މެންބަރުންނަށް ރަސްމީކޮށް މިކަން އަންގާފައެއް ނުވެއެވެ.
ސަރުކާރު ޕާޓީ ޕީއެންސީގެ މެންބަރަކު މައުލޫމާތު ދެއްވި ގޮތުގައި، ދައުރުން ބޭރުން ޖަލްސާ ބާއްވާ މައިގަނޑު ސަބަބަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މެންބަރަކު އައްޔަންކުރުމެވެ. އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވާ ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ބޮޑު ޚިލާފު އުފެއްދިފައިވާ މީޑިއާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް މި ޖަލްސާތަކުގައި އޮތްކަމަށް ބެލެވެއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވި "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަކީ މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ނޫސްވެރިންގެ ޖަމްއިއްޔާތަކުން ފާހަގަކޮށް، ބިލު ބޭރުކުރުމަށް ގޮވާލައިފައިވެއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިތުރުން ބޭރުގެ ޖަމްއިއްޔާތަކުން ވެސް މި ބިލާ ދެކޮޅަށް ބަޔާންތައް ނެރެ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ބިލުގެ ބަހުސް ހޯމަ ދުވަހުގެ ޖަލްސާގައި ފެށިފައިވަނިކޮށް ދައުރު ނިންމާލާފައިވުމުން، ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގައި މި ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލިސް އިދާރާއިން މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް އަދި މިކަމާއި ގުޅޭގޮތުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ