ފަގީރުންނާއި މިސްކީނުންނަށް ޒަކާތުން ލިބޭ އެހީތެރިކަން އިތުރުކޮށް، އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެވޭ ގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ ދެވަނަ ބައްދަލުވުން މިއަދު ފައްޓަވައިދެއްވަމުން ޝަހީމް ވިދާޅުވީ، ފަގީރު މީހުންގެ ދިރިއުޅުމުގައި ބޭނުންވާ ޒަރޫރީ ކަންކަމަށް އެހީދިނުމުގެ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިކަމުގެ ސަބަބުން ހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު އިލްމީ ރައުޔާއި އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު އެގޮތަށް ބައްޓަންކުރަމުން ގެންދާކަމަށާއި، މިފަހަރުގެ މަހާސިންތާގައިވެސް ނިޒާމު ހަރުދަނާކޮށް ތަރައްގީކުރުމަށް މުހިންމު މަޝްވަރާތަކެއްކޮށް، މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޒަކާތުގެ ގާނޫނު އެކުލަވާލީވެސް ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު މަޝްވަރާތަކުގެ އަލީގައިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި މިހާރު އޮތް ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މައުލޫމާތުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އެކުލަވާލާފައިވާ ބިލެއްކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން އެކުލަވާލާފައިވާ ޒަކާތުގެ ގާނޫނުތަކުގައި ނެތް ބައެއް ބައިތައް، ރާއްޖޭގެ ޒަކާތުގެ ގާނޫނުގައި ހިމެނޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައިވުމާއި، އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވުމަކީ އެހެން ގައުމުތަކުގެ ޒަކާތު ގާނޫނުތަކުގައި ނެތް ސިފަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ފަގީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ވިސްނަވާކަމަށާއި، މިކަމަށްޓަކައި އާ ސިޔާސަތުތަކެއް އެކުލަވާލަމުންދާކަމަށް ޝަހީމް ހާމަކުރެއްވިއެވެ. ޒަކާތުގެ މި އާ ނިޒާމުގެ ސަބަބުން ފަގީރުކަމުން ސަލާމަތްވެ، މުއްސަނދި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ