އއ. މާޅޮހުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން ޒުވާނުންނަށް އިއްޔެ ކޯޓުން ބަންދުގެ މުއްދަތު ކަނޑައަޅައިފިއެވެ. މިދިޔަ ޖުލައި 13 ވަނަ ދުވަހު ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އެ ރަށުގެ ތިން ޒުވާނުން ހައްޔަރުކުރުމަށްފަހުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ވިޥާމް (22 އަހަރު)، ލިލީފެހި، އއ. މާޅޮސް، އަހުމަދު ފާރިސް (27 އަހަރު)، ފިނިވާގެ، އއ. މާޅޮސް އަދި އަހުމަދު އާޝިދު (27 އަހަރު)، ފިޔަ، އއ. މާޅޮހެވެ. ކޯޓަށް ހާޒިރުކުރުމުން ވިޥާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، އާޝިދުގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކަނޑައަޅައިފައިވެއެވެ.
މަރުވި މީހާގެ އާއިލާއިން ހާމަކުރި ގޮތުގައި، ހައްޔަރުކުރި މީހުންގެ މައުލޫމާތު އެނގުނީ ނޫސްތަކުންކަމަށާއި، ފުލުހުން ސީދާ އާއިލާއަށް އެ މައުލޫމާތު ދީފައިނުވާކަމަށް ބުނެފައިވެއެވެ. އާއިލާއިން ފާހަގަކުރި ގޮތުގައި، ހައްޔަރުކުރި ތިން ޒުވާނުންނަކީ އަބްދުއްރަހްމާނާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫންކަމަށާއި، ރަށުގައި ފެންނައިރު ވާހަކަދައްކާ އުޅޭ މީހުންކަމަށް ވިދާޅުވިއެވެ.
މާޅޮހުގެ ރައްޔިތުން ހާމަކުރާ ގޮތުގައި، ހައްޔަރުކުރި ތިން ޒުވާނުންނަކީ ސަރުކާރު ވަޒީފާތަކުގައި މަސައްކަތްކުރާ ޒިންމާދާރު ބައެކެވެ. ވިޥާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ޔޫތު އެސޯސިއޭޓްގެ ސިޔާސީ މަގާމެއްގައި ހުރި މީހެއްކަމަށާއި، ފާރިސަކީ މާޅޮސް ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށާއި، އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި ވަޒީފާ އަދާކުރާ މީހެއްކަމަށް ރައްޔިތުން ބުނެއެވެ. ހާދިސާ ހިނގިއިރު އާޝިދު މާޅޮހުގައި ހުރިނަމަވެސް، އޭނާ ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މި ތިން ޒުވާނުންނަކީ އެކުގައި އުޅޭ ރަހުމަތްތެރިންކަމަށާއި، މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ނޫންކަމަށް ބުނެ، އެ މީހުން ހައްޔަރުކުރުމުން ރައްޔިތުން ތިބީ ހައިރާންވެފައިކަމަށް ވިދާޅުވިއެވެ. އަބްދުއްރަހްމާނާ ގުޅޭގޮތުން ބައެއް މީހުން ސިހުރުގެ ތުހުމަތު ކުރާ ވާހަކަ ދައްކާއިރު، އޭނާގެ އާއިލާއިން އެ ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ