އއ. މާޅޮހުގައި މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް (65) ނިދާފައި އޮއްވައި ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު، ހަމަލާދިން ވަގުތުގެ ކުރިން އަބްދުއްރަހުމާންގެ ދަރިއަކަށް ގުޅާފައިވާކަން ތަހުގީގުން އާންމުވެއްޖެއެވެ. މާޅޮހު ފިނިވާގޭ އަހުމަދު ފާރިސް (28) އަކީ އެ ރޭ އަބްދުއްރަހުމާންގެ ދަރިއަކަށް ގުޅި މީހާ ކަމަށާއި، ނަމަވެސް އޭނާ ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލާލަން ކަމަށް ބުނެފައިވާކަން އެނގިފައިވެއެވެ.
މި ޤަތުލުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާޅޮހުގެ ތިން ޒުވާނުންނެވެ. އެއީ ފިޔަ، އަހުމަދު އާޝިދު (28)، ފިނިވާގޭ، އަހުމަދު ފާރިސް (28)، އަދި ލިލީފެހި، މުހައްމަދު ވިސާމް (23) އެވެ. ރަށުތެރޭގައި ވަރަށް ގާތްކޮށް އުޅޭ މި ތިން ޒުވާނުން، އަބްދުއްރަހުމާން ޤަތުލުކުރެވުނު ރޭ ވެސް ރަށުތެރޭގައި އުޅުނުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފެނަކައިގެ ފެން ޕްލާންޓު އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފާރިސް، އެ ރޭ ޑިއުޓީގައި ހުރިއިރު، ފެނަކަ ބްރާންޗުން ނުކުންނައިރު އަބްދުއްރަހުމާންގެ ގެ ފެންނާނެ ސަރަހައްދެއްގައި ކަމަށްވެއެވެ. އަބްދުއްރަހުމާން ނިދާފައި އޮތީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ގޭގެ މާހިޔައިގައެވެ.
ނާޒިމާ އިބްރާހިމް ހާމަކޮށްފައިވާ ގޮތުގައި، ފިރިމީހާއަށް ހަމަލާދީފައި އޮތްކަން އެނގުނީ އެރޭގެ އެކެއް ޖަހާކަންހާއިރު، ފާހާނާއަށް ދާން ކޮޓަރިއަށް ވަން ވަގުތުގައެވެ. މި ހާދިސާ ދިމާވުމުން ނާޒިމާ އެންމެ ފުރަތަމަ ގުޅީ އާއިލާގެ ބައެއް މީހުންނަށް ކަމަށާއި، ރަށުގައި އުޅޭ އެކަކަށް ވެސް ނުގުޅާކަން އެނގިފައިވެއެވެ. އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްވަރު އުޅެނީ މާލޭގައި ކަމަށާއި، ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ނިމާލް ވެސް އެ ވަގުތު ހުރީ މާލޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތަހުގީގުގައި ފާރިސްއާ ދިމާލަށް ފުލުހުންގެ ފޯކަސް ބަދަލުވީ، އޭނާ އަބްދުއްރަހުމާންގެ ދަރިއަކަށް ގުޅި ކަމުގެ މައުލޫމާތު ލިބުމުންނެވެ. ފުލުހުން ވަނީ ތުހުމަތުކުރެވޭ ތިން މީހުންގެ ގެތައް ފާސްކޮށް، އޭގެ ތެރެއިން އެކެއްގެ އަންނައުނު ފަދަ ތަކެތި ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ރަށުތެރޭގައި ސިހުރާ ގުޅުވައިގެން ދައްކާ ވާހަކަތައް ވެސް އުފެދިފައިވީ ނަމަވެސް، މާޅޮހުގެ ގިނަ މީހުން މި ވާހަކަތައް ގަބޫލެއް ނުކުރެއެވެ. ރަށުގެ ފިހާރައެއްގެ ސީސީޓީވީ ކެމެރާ ހަރުކުރަން ޖެހުނީ ވެސް އެފަދަ ތުހުމަތުތަކެއް ކުރެވުމުން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އުމުރުން 65 އަހަރު ވެފައިވި ނަމަވެސް މާޅޮހުގައި ޖާނުން އެންމެ ވަރުގަދަ މީހެއް ކަމަށް މަޝްހޫރު އަބްދުއްރަހުމާނަކީ، އާންމުކޮށް އެހެން ރަށްރަށުގެ މަސްދޯނިތަކުން މަހަށް ގޮސް އުޅޭ މީހެކެވެ. އޭނާއާ އެއްވެސް މީހަކާ މައްސަލައެއް އޮތްކަމަށް އެނގިފައި ނުވާކަން ރަށުގެ މީހުން ހާމަކުރެއެވެ.
މާޅޮހަކީ ފަހަކަށް އައިސް ކުށް ކުރުން ހަމަ އެއްގޮތަކަށް ވެސް ނެތް ރަށަކަށް ވާތީ، މީހަކު މަރާލަން ހަމަލާދޭން ކެރޭ ވަރުގެ މީހަކު މާޅޮހުގައި ނުހުންނާނެ ކަމަށް ރަށުގެ ގިނަ މީހުން ގަބޫލުކުރެއެވެ. އެހެންކަމުން، އަބްދުއްރަހުމާނަށް ހަމަލާދިނީ އެހެން ރަށެއްގެ ބަޔަކު ދަންވަރު މާޅޮހަށް އަރައިގެން ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް، މިހާރު ލިބިފައިވާ ހެކިތަކުން ދައްކަނީ އެހެން ވާހަކައެކެވެ.
ފުލުހުން މި މައްސަލައިގައި ތުހުމަތަށް ތިން މީހަކު ހައްޔަރުކުރި ކަން ފިޔަވައި އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ޤަތުލުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.
ކޮމެންޓު ފޮނުވާ