ރަށްރަށުގެ އަސާސީ ޚިދުމަތްތަކަށް ކައުންސިލުން ބިން ދޫކުރާއިރު އަގު ނެގުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން: ރައީސް

ރަށްރަށުގެ އަސާސީ ޚިދުމަތްތަކަށް ކައުންސިލުން ބިން ދޫކުރާއިރު އަގު ނެގުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން: ރައީސް

Author
ޙަސަން މުޙައްމަދު
20 އޮގަސްޓް 2025 09:01
0

ރަށުގެ ތަރައްޤީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ކައުންސިލުތަކުން ބިން ދޫކުރާއިރު އެ ބިމަކުން އާމްދަނީ ހޯދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. ރަސްދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ، އެ ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމަށް ބިން ހަމަޖެހުމުން އެ މަޝްރޫޢު އަވަހަށް ފެށޭނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން ރަސްދޫގައި މިސްކިތެއް އެޅުމަށް ކައުންސިލުގައި އެދުމުން، ކައުންސިލުން ހުށަހެޅި ބިމުގައި އިމާރާތެއް ހުރިކަމަށާއި، އެ ބިން ލިބޭނީ ކައުންސިލުން ކަނޑައަޅާ އަގެއް މިނިސްޓްރީން ދެއްކުމުންކަމަށް ކައުންސިލުން ހުށަހެޅިކަން ރައީސް ހާމަކުރެއްވިއެވެ.

"ރަސްދޫ ކައުންސިލުން އެ ބިން ދޫކުރަން ކިއީ ވަރަށް ބޮޑު އަގެއް. މިހާތަނަށް އެއްވެސް ރަށެއްގައި މިސްކިތެއް އަޅަން އަގުކިޔާފައި ބިމެއް ދީފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުނި، ފެން، ކަރަންޓު، ނަރުދަމާ، ސްކޫލު، ހޮސްޕިޓަލް، މިސްކިތް އަދި ޕޮލިސް ފަދަ އަސާސީ ޚިދުމަތްތަކަށް ކައުންސިލުން ބިން ދޫކުރާއިރު، އެއީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށްވާތީ، އެފަދަ ބިންތަކުން ކައުންސިލުން އާމްދަނީ ހޯދުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ވަނީ ގެނެވިފައިވާ އިސްލާޙުގެ ދަށުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ދިނުމަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ އިމާރާތަކުން ކުއްޔެއް ނުނެގޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޤާނޫނީ ބަދަލާ ގުޅިގެން، ރަސްދޫގައި މިސްކިތް އެޅުމަށް ވެސް އެހެން ބިމެއް ޚާއްޞަކޮށް ދިނުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

"އެކަން ހަމަޖެހުނުހާ އަވަހަކަށް މަޝްރޫޢުގެ މަސައްކަތް ފަށާނެ. އަޅުގަނޑުމެން މިހާރު ވެސް އެކަމަށް ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން އެދިގެން ގެނައި އިސްލާޙުގައި، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ފަޅާއި ބިން ކުއްޔަށް ދޫކުރުމާއި، ތަރައްޤީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިކޮށްފައިވެއެވެ.

މި އިސްލާޙު ރައީސް ތަސްދީޤުކުރެއްވުމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ފޮނުވި ސިޓީގައި، އެ ޤާނޫނަށް އަމަލުކުރުމަށް އަންގަވާފައިވެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރާނީ، ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި އާންމު ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.