ރަސްދޫގައި ކައުންސިލް އިދާރާއާއި ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

ރަސްދޫގައި ކައުންސިލް އިދާރާއާއި ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
20 އޮގަސްޓް 2025 08:54
0

އއ. ރަސްދޫގައި ކައުންސިލް އިދާރާއާއި ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ދެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

ރަސްދޫ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އެޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އާއެވެ. މިއީ ރަށުގެ އިދާރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއެރުމެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުއްވައިދެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. މި އާ އިމާރާތަކީ ރަސްދޫ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ، ބައެއް ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތަކަކީ 30 ނުވަތަ 40 އަހަރު ކުރިން ބިނާކުރެވިފައިވާ އިމާރާތްތައް ކަމަށާއި، އެ ތަންތަން މަރާމާތުކުރެވިފައި ނުވާކަމަށެވެ. މި ހާލަތު ބަދަލުކުރުމަށްޓަކައި ސަރުކާރުން ވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަށް ރާވާފައެވެ. މި މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން ދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްދޫ ހޮސްޕިޓަލްގެ ޑައިލަސިސް ޔުނިޓް ރަސްމީކޮށް ހުޅުއްވައިދެއްވާ، އެ ތަނުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. މި ޔުނިޓް ހުޅުވުމުން ކިޑްނީގެ ބަލިތަކުން ފަރުވާ ހޯދަން ބޭނުންވާ ބަލިމީހުންނަށް ރަށުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރަސްދޫ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މުހިންމު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.