އއ. މަތިވެރީގައި ތަރައްޤީކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފެށިއްޖެއެވެ. މި މުހިންމު މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިއްޔެގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ބޮޑު މަޝްރޫޢުގެ ދަށުން 26.5 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައި، 1500 މީޓަރު ދިގުމިނުގެ އަދި 30 މީޓަރު ފުޅާމިނުގެ ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވެއެވެ.
އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ރަންވޭގެ އިތުރުން ޓެކްސީވޭއާއި އޭޕްރަން އެޅުމާއި، ފަސިންޖަރުންނަށް ޚިދުމަތްދޭނެ ޓާމިނަލް އިމާރާތެއް ބިނާކުރުމާއި، ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމުގެ އިތުރުން އެއާޕޯޓުގެ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ހިމެނިގެންދާނެއެވެ.
މަތިވެރީގެ ރައްޔިތުންނާ އިއްޔެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއާޕޯޓަށް ހިއްކާ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވައިފައިވަނީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ދެ އަހަރާއި ހަ މަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް ނިންމާލެވޭނެ ކަމުގައެވެ.
މަތިވެރީގައި ކްރޮސް ސަބްސިޑީ އުސޫލުން އެއާޕޯޓެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން ކުރި އިޢުލާނަކީ މިދިޔަ މެއި މަހު ކުރެވުނު އިޢުލާނެއް ކަމުގައި ފާހަގަކުރެވެއެވެ. މި މަޝްރޫޢަކީ މަތިވެރީގެ ރައްޔިތުންނަށް އިޤްތިޞާދީ ފުދުންތެރިކަން ގެނެސްދޭނެ އަދި ރަށުގެ ތަރައްޤީއަށް ބޮޑު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ