ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގަނެފިއެވެ.
އެމްއެންޑީއެފްއިން ދިން މަޢުލޫމާތުގައި ބުނެފައިވަނީ، މި ބޯޓު އަތުލައިގަތީ ކ. ދިއްފުއްޓާ ދިމާ އިރުމަތި ސަރަހައްދުން ކަމަށެވެ. ބޯޓު ފެނުނު ވަގުތު އޭގައި 6 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހުއްދަ ނެތި މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުގައިވާއިރު، މި ބޯޓު ހިފެހެއްޓިފައިވަނީ ވެސް މިފަދަ ގަވާއިދާ ހިލާފު އަމަލެއް ހިންގަމުންދާތަން ފެނިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަތް ބޯޓާއި އޭގައި ތިބި މީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ